ނޮވެންބަރު 17 ވަނަ ދުވަހުގައި ޤާއިމުކުރެވޭ އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުން ބޯހިޔާވަހިކަމާއި ގެދޮރު ފޯރުކޮށްދިނުމުގެ ގޮތުން ހިންގަވަން އިއުލާނުކުރައްވާފައިވާ ފުށިދިއްގަރު ފަޅުގެ މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވާނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ޑރ.މުޢިއްޒު ވިދާޅުވީ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ގެދޮރުވެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށެވެ. އަދި މި ސަރުކާރުން ހިންގަން އިއުލާނުކުރި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުން ފުލެޓު ނުވަތަ ގޯއްޗެއް ދީފައިވާ ދިނުން ބާތިލުނުކުރައްވާނެކަމަށާއި، ލާފައިވާ އެޕްލިކޭޝަނެއް އަލުން ލުމަށް ލާޒިމުވެސް ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ.މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ޕްލޭނުގައި އޮތީ ހަމައެކަނި މާލެ ސަރަހައްދުން 65،000 ރައްޔިތުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އެމަސައްކަތްކުރުމަށް އެންމެ ބޮޑު ކަމެއްގެ ގޮތުގައި ހިންގަވަން ނިންމަވާފައިވަނީ ފުށިދިއްގަރު ފަޅުގެ މަޝްރޫޢުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފުރަތަމަ ދެތިން މަސްދުވަހުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ.
“އެ ޕްރޮޖެކްޓުގެ [ފުށިދިއްގަރު ފަޅު މަޝްރޫޢުގެ] ޢަމަލީ މަސައްކަތް، މިދެންނެވީ އީއައިއޭ ނިންމައި، ފަންޑު ހަމަޖައްސައި، ނޫނިއްޔާ އެކުރަންޖެހޭ ހުރިހާ ކަމެއް ކޮށް، ޑުރެޖަރު ގެނެސް އަމަލީ ބިންހިއްކުން ފުރަތަމަ ދެތިން މަސް ތެރޭގައި ފަށާނަން،” ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ފުރަތަމަ ދެތިން މަސް ތެރޭގައި ފުށިދިއްގަރު ފަޅު ހިއްކަން ފަށާ ގޮތަށް ގެންގޮސް މަސައްކަތް ހުއްޓައިލާނީ އެ މަޝްރޫޢުގެ ތެރެއިން ހިއްކާ 1280 ވަރަކަށް ހެކްޓަރުގެ ބިން އެކީ ހއިްކަވައިލެއްވުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޑރ.މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި އެ މަޝްރޫޢުގެ ދަށުން ހިއްކާ ބިމުގެ ސަރަހައްދަކީ ހުޅުމާލޭގެ ދެ ފިޔަވައްސަށްވުރެ ބޮޑު ބިމުގެ ސަރަހައްދެކެވެ.
“އެއީ ހުޅުމާލޭގެ ދެފިޔަވަހި އެއްކޮއްލީމައި ވާވަރުގެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު [ބިމެއް]. އެހެންވީމާ މިހާ ބޮޑު ސަރަހައްދެއް ފުށިދިއްގަރުން ފުރަތަމަ އަހަރު ހިކިގެންދާނެ. ރިވެޓްމެންޓު ޖަހައި ސޭފް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކުރެވޭނެ،” ޑރ.މުޢިއްޒު ވިދާޅުވިއެވެ.

