އަހަރެމެން މި ޔަހޫދީން ނާއި ދެކޮޅަށް މި ކުރާ ހަނގުރާމައިގައި ކާމިޔާބު ލިބޭނެ ކަމަށާއި، އަދި ކާމިޔާބު ލިބުން ވަނީ ދާދި ގާތުގައި ކަމުން އެންމެ ހާ މުސްލިމުން މިކަން ޔަގީންކުރުމަށް ހަމާސް މުޖާހިދުންގެ ތަރުޖަމާން އަބޫ އުބައިދާ ވިދާޅުވެއްޖެއެވެ.
އަބޫ އުބައިދާ ވިދާޅުވީ އިސްރާއީލުގެ ޔަހޫދީންނާއި ދެކޮޅަށް މި ކުރާ ހަނގުރާމަ އަކީ މުސްލިމު އުންމަތަށް ޓަކައި ކުރަމުން އަންނަ ހަނގުރާމައެއް ކަމަށާއި ކާމިޔާބު ލިބުން އޮތީ ވަރަށް ގާތުގައިކަމަށެވެ.
އަދި ﷲ ގެ އިރާދަފުޅާއި އެކު ޔަހޫދީ ލަސްކަރު ފަހަތަށް ޖައްސާލައި ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އަދި އިސްލާމް ދީނުގެ ދިފާއުގައި މި ކުރާ ހަގުރާމައިން ދާދި އަވަހަށް ކާމިޔާބު ލިބިގެންދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަހަރެމެން މި ޔަހޫދީން ނާއި ދެކޮޅަށް މި ކުރާ ހަނގުރާމައިގައި ކާމިޔާބު ލިބޭނެ. ކާމިޔާބު ލިބުން ވަނީ ދާދި ގާތުގައި. އެންމެ ހާ މުސްލިމުން މިކަން ޔަގީންކުރޭ. -އަބޫ އުބައިދާ-
އަބޫ އުބައިދާ އިތުރަށް ވިދާޅުވީ ޔަހޫދީންގެ ފައުޖުތަކުން ދުވާލާއި ރޭގަނޑު މެދިކެނޑުމެއް ނެތި މަތިން އަޅަމުންގެންދާ ބޮންތަކުން ފަލަސްތީނުގެ މުސްލިމުން ޝަހީދުކުރަމުން ގެންދާއިރު، އަރަބި މުސްލިމު ގައުމަތަކުން އޮންނަނީ ކުޅިބަލަން ކަމަށާއި އެއްވެސް ގައުމަކުން ޔަހޫދީންގެ މި ޓެރަރިސްޓު ހަމަލާތައް ހުޢްޓުވުމަށް އެއްވެސް ގޮތަކަށް މަސައްކަތް ނުކުރާކަމަށެވެ.
އަދި އެއްވެސް ގައުމެއްގެ ހަނގުރާމަވެރިން ފަލަސްތީނުގެ މުސްލިމުންގެ ހިމާޔަތުގައި ޔަހޫދީންނާއި ދެކޮޅަށް ހަނގުރާމަކުރުމަށް އައުމަށް ހަމާސްއިން ނޭދޭނެ ކަމަށާއި މިކަން އަމިއްލައަށް ކުރެވޭނޭ ހާ ހިތްވަރު އެބަހުރިކަމަށް އަބޫ އުބައިދާ ވިދަޅުވިއެވެ.
އަބޫ އުބައިދާގެ މެސެޖެއް އެކްސްގައި އާންމުވިއިރު، އިސްރާއީލުން ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ ޝަހީދުކޮށްލާފައިވާ ކަމަށް ބުނެ ޚަބަރު ފަތުރާފައެވެ. އަދި އަބޫ އުބައިދާ ކަމަށް ބުނެ އެކްސް ގައި ވީޑިއޯއެއް ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ހިއްސާކޮށްފައެވެ.

