ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އިތުބާރު ނެތްކަމުގެ ގަރާރު ކުރިއަށް ގެންދަން މިއަދަށް ތާވަލުކުރި ޖަލްސާ، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަދިވެސް އާލާސްކަންފުޅާ އުޅުއްވާތީ ބޭއްވޭ ގޮތެއް ނުވި އެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، މިއަދަދު ޖަލްސާއެއް ބާއްވައި އެ ގަރާރު ވަނީ އެޖެންޑާކޮށް މެމްބަރުންނަށް އަންގައިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހަފްތާ އިން ފެށިގެން އީވާ އާލާސްކަންފުޅާ އުޅުއްވާ އިރު، މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވޭކަން މަޖިލީހުގެ އިދާރާއަށް ވަނީ އަންގަވާފަ އެވެ.
“އާލާސްކަންފުޅާ އުޅުއްވަތީ އީވާ ވަނީ ސަލާމް ފޮނުއްވާފައި،” މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި އެވެ.
މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބުނެފައެއް ނެތެވެ.
އީވާ ވަޑައިނުގަންނަވާތީ، ނަޝީދު ވަކިކުރުމުގެ ގަރާރު މިއަދު ކުރިއަށް ނުގެންދެވިފައިވާ އިރު، އެކަން އެ ގޮތަށް ކުރަން މާ ކުރިން ރާވައިގެން އުޅޭ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން މިދިޔަ ހަފްތާގައި ވަނީ ތުހުމަތުކޮށްފަ އެވެ.

