އުމުރުން 28 އަހަރުގެ މިސިސް ޗިޑިންމާ އަމޭޗީ ނަމަކަށް ކިޔާ އަންހެނަކު ކައިވެންޏަށް ނުވަ އަހަރު ފަހުން ކުއިންޓިޕްލެޓް(އެއްމާބަނޑު ފަސްކުދިން ވީމަ ކިޔާ ނަމެއް ސެޓެއް ވިހައިފި އެވެ.
ތިން ފިރިހެން ކުދިންނާއި ދެ އަންހެން ކުދިން ހިމެނޭ މި ކުއިންޓިޕްލެޓް ނެގީ ސިޒޭރިއަން ސެކްޝަނެއްގައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަނަމްބްރާ ސްޓޭޓްގެ އަވްކާގެ ލައިފް އިންޓަނޭޝަނަލް ހޮސްޕިޓަލުގައި ސިޒޭރިއަނަކުން ވިހޭ މި ކުދިންގެ މަންމައާއި ބައްޕަ ސޯޝަލްމީޑިޔާގައި ފޮޓޯއާއި ވީޑިޔޯތައް ހިއްސާކުރަމުން ބުނީ އެމީހުންނަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ ނަސީބު ރަނގަޅު ދެމީހުން ކަމުގައެވެ.
2022 ވަނަ އަހަރުގެ ޖުލައި މަހު ނެޝަނަލް ޔޫތު ސަރވިސް ކޯޕްސް ނިންމުމަށްފަހު ޗިޑިންމާ ކައިވެނި ކުރީ އޮނިޓްޝާގެ ޕެޓީ ވިޔަފާރިވެރިއެއް ކަމަށްވާ މިސްޓަރ ޓޮޗުކުވޫ އަމޭޗީއާއެވެ.
އެއްފަހަރާ ފަސްކުދިން ގެންގުޅުމަކީ ހަރަދުގެ ގޮތުން ބަލަންޏާ ބޮޑު ކަމެކެވެ. ސިއްހަތު ރަނގަޅު ނަމަވެސް "އަމޭޗީސް"(އަމޭޗީގެ ދެމަފިރިންނަށް) ލިބުނު ކުއިންޓިޕްލެޓް މިވަގުތު ތިބީ އިންކިއުބޭޓާރ އެއްގައެވެ. އެއްވެސް ކަހަލަ މައްސަލައެއް ދިމާވެދާނެ ކަމަށް ބަލަން ޖެހޭތީކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

"އަމޭޗީސް"އަށް ނުވައަހަރު ފަހުން ލިބުނު ކުއިންޓިޕްލެޓް
އެހެންނަމަވެސް މި އިންކިއުބޭޓަރަކީ ހޮސްޕިޓަލުގައި ސިޒޭރިއަންގެ ހަރަދާ އަޅާ ބަލާއިރު އިންތިހާއަށް ބޮޑު އަދަދެކެވެ.
މިސިޒް އަމޭޗީގެ ބޮޑުދައިތަ މިސިޒް އެބެލް އޮރެނެކްވޫ ބުނީ އިންކިއުބޭޓަރުތަކުގެ ބިލަކީ ދުވާލަކު 250،000 ނައިރާ ކަމަށެވެ. މާނައަކީ ދުވާކަލަށް 318 ޔޫއެސްޑޮލަރު ކަމަށެވެ. އެހެންކަމުން މިސިޒް އަމޭޗީގެ ސިޒޭރިއަނާއި ވޭތުވެދިޔަ ދެމަސްދުުވަހު ކުރި ފަރުވާގެ ބިލުތައް ނުލައިވެސް އިންކިއުބޭޓާރ ގެ ބިލަަށް ގާތްގަނޑަކަށް 1.7 މިލިއަން ނައިރާގެ ބިލެއް ކަމަށްވެއެވެ. ސަބަބަކީ ކުދިން އިންކިއުބޭޓަރުގައި މަސްދުވަސްވަން ދެން ބައިިތިއްބަން ޖެހޭތީއެވެ. އެއީ 2،159 ވަރަކަށް ޔޫއެސްޑޮލަރެވެ.
އެހެންކަމުން މިސްޓަރ އާއި މިސިޒް އަމޭޗީ އަދި އެމީހުންގެ އާއިލާއިން، މި ކަމަށް އެހީތެރިވެދިނުން އެދި ސަރުކާރަށާއި އެހެނިހެން ހެޔޮއެދޭ އާންމު ފަރާތްތަކަށްވެސް ވަނީ ގޮވާލާފައެވެ.
ހޮސްޕިޓަލުގެ ސްޓާފަކު ބުނީ މިހާރު ކުދިންނާއި އެކުދިންގެ މަންމަގެ ފަރުވާއަށް އެހީތައް ލިބެމުން އަންނަކަމަށެވެ.

