އިންތިގާލީ މަރުޙަލާގައި، "އަރބަންކޯ"އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތަކެއް ނިންމުމުގެ މަސައްކަތްކުރަމުންދާތީ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުހަލާ ހިނގަމުންދާ މި ދަނޑިވަޅުގައި، އަރބަންކޯއިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކި މުޢަމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އަރބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އެއޮފީހުން މައުލޫމާތު ދީފައިވެއެވެ.
އަދި ހުޅުމާލޭގެ ބިންތަކަކީ، ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު "އެސެޓް"ތައްކަމުން، މި މަރުޙަލާގައި އަވަސް އަރުވާލައިގެން، އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަކީ އެ އޮފީހުން ކަންބޮޑުވާ ކަމެކެވެ. އަދި ވަކީން ޚާއްސަކޮށް، މުޢާމަލާތްތަކުގެ ތެރޭގައި، ބޭރުގެ ފަރާތްތަކަށް ބިން "ލީޒް"ކުރުމުގެ މުޢާމަލާތްތަކެއް ހިމެނޭކަމާ މެދު އިތުރަށް ކަންބޮޑުވާ ކަމަށް އިންތިހާބީ އޮފީހުން ބުނެފައިވެއެވެ.
މީގެ ސަބަބުން އަލަށް ފެށޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި، މުޅި ދިވެހި ދައުލަތަށް އެ ކަމުގެ ގެއްލުންލިބުމުގެ ފުރުސަތު އޮންނާނެއެވެ. ވުމާއެކު، މި މަރުޙަލާގައި މި ފަދަ މުޢާމަލާތްތައް މަޑުޖައްސާލައި، ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުން، އިންތިޤާލީ މަރުޙަލާގެ ރޫޙާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މިފަދަ ކަންކަން ހުއްޓުވައި ދިވެހި ރައްޔިތުންގެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް، ޤާނުނީ ނިޒާމުގެ ތެރެއިން މުއައްސަސާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށްދޭ ކަމަށްވެސް އިންތިހާބީ ރައީސް އޮފީހުން ބުނެފައިވެއެވެ.

