ހުޅުމާލޭގެ ބިންތައް ވިއްކުމާ ގުޅޭ އެއްވެސް މުއާމަލާތެއް، ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި ނުހިންގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާބަންކޯ އަށް އަންގައިފި އެވެ.
އެ ކޮމިޝަނުން އިއްޔެ އެކަން އެންގީ އާބަންކޯ އިން ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތުތަކެއް ކުރަމުންދާ ކަމަށް ބުނެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރި މުއާމަލާތްތަކެއް ނިންމުމަށް އެކަމާ ގުޅޭ 40 އައިޓަމެއް އާބަންކޯ އިން ދެން އެންމެ އަވަހަށް ބާއްވާ ބޯޑު ބައްދަލުވުމަކަށް އެޖެންޑާ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންވެ، އެކަމާ ގުޅިގެން، ހުޅުމާލޭގެ ބިންތަކާ ގުޅޭ އެއްވެސް މުއާމަލާތެއް މި ވަގުތު ނުހިންގަން އާބަންކޯ އަށް އިއްޔެގެ ވަގުތެއްގައި އަންގާފައިވާ ކަމަށް އެނގިފައި ވެ އެވެ.
ނަމަވެސް އާބަންކޯ އިން ނިންމަން އުޅޭ ބިމުގެ މުއާމަލާތުތަކާ ގުޅޭ ތަފުސީލެއް އަދި ނުލިބެ އެވެ.

