ޒަމާން ބަދަލުވެއްޖެއެވެ. ދުނިޔެ ތަރައްގީވެއްޖެއެވެ. އަހަރެމެންގެ މިކުޑަކުޑަ ގައުމުވެސް ތަރައްގީއާއި ތަހުޒީބުގެ ހަލުވި ދުވެލީގައި ކުރި އަރައި ގޮސްފައިވަނީ ނުހަނު ބާރުމިނުގައެވެ. އެހެނެއްކަމަކު އަދިވެސް ބަދަލު ނުވާ ކަންތައް އެބަހުއްޓެވެ. މާލެސިޓީއާއި ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި ބައެއް ކަހަލަ ކަންތައް މަދުވިޔަސް އަދިވެސް އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ނާތަހުޒީބުގެ އަމަލުތައް ހިނގާމިންވަރު ކުޑައެއް ނޫނެވެ. ހާއްސަކޮށް އަދިވެސް ބައެއްކަހަލަ ހިސާބުތަކުގައި މަދުން ނަމަވެސް އަންހެންދަރިންނާމެދު ކަންތައް ކުރެވޭ ގޮތް ތަފާތެވެ. ފިރިހެން ކުއްޖެއްނަމަ ކިޔަވައިދީ ވަޒީފާއަށް ފޮނުވާއިރު އަންހެންކުއްޖަކު ކިތަންމެ މޮޅަށް ކިޔެވިޔަސް އެކުއްޖަކަށް އޮންނާނީ ގެއާއި ބަދިގެއެވެ. މިވިސްނުން ގެންގުޅޭ މީހުން އަދިވެސް މަދެއްނޫނެވެ.
މިވާހަކަ ކިޔައިދޭން ބޭނުން މިވީ އަހަރެންގެ ކުރިމައްޗަށް އައިސް ހުއްޓުނު ބަލިމީހާ ފެނުމުންނެވެ. މިއީ ދުރުމާޒީއެއްގެ ވާހަކައެއްނޫނެވެ. މީގެ ފަނަރަ އަހަރު ކުރީގެ ވާހަކައެކެވެ.
ވަރަށް ގާތްއެކުވެރިއެކެވެ. ނާސަރީއިން ފެށިގެން ދެމީހުން ކިޔަވަމުން އައީ އެއްކުލާހެއްގައި، އެއް ބެންޗެއްގައެވެ. ފުރަތަމަ ގްރޭޑުން ފެށިގެން އޯލެވެލް އިމްތިހާނާ ހަމައަށްވެސް އަހަރެމެން ދެމީހުންނަކީ ބަދަލެއް ނައިސް އަބަދުވެސް “އޮނަލިސްޓް”ގައި ތިބޭ ދެމީހުންނެވެ. ވަކި މިވެނި މާއްދާއެއް ވަކި މިވެނި ހަރަކާތެއް ވަކި މިވެނި މުބާރާތެއް ކިޔާނެ ކަމެއް ނެތެވެ. ކޮންމެ ކަމެއްގައިވެސް، އެއީ ކިޔެވުމާ ގުޅޭ ކަމެއް ކަމުގައިވިޔަސް ނުވަތަ އިތުރު ހަރަކާތެއްކަމަށް ވިޔަސް އަހަރެމެން ދެމީހުންގެ “އެއްވަނަ، ދެވަނަ” ފަހަށް ޖައްސާލެވުނު ދަރިވަރެއް ނެތެވެ.
އަހަންނަށް އެއްވަނަ ލިބުނިއްޔާ އެކުވެރިޔާއަށް ދެވަނަ ލިބޭނެއެވެ. އަދި އެކުވެރިޔާއަށް އެއްވަނަ ލިބުނިއްޔާ އަހަންނަށް ލިބޭނީ ދެވަނައެވެ. އެވެސް ޕޮއިންޓްކޮޅެއްގެ ތަފާތަކުންނެވެ. މާކްސް ނުބަލައި ރޭންކު ކުރާނަމަ ހަޔަރޑިސްޓިކްޝަނުގައި ދެމީހުންވެސް ހިމެނޭނީ އެކެއްގައެވެ. ޕޭޕަރެއްގައި ލިބެން އޮންނަ އެންމެ މަތީ މާކްސް ފުލްކޮށް ނުހޯދޭނަމަ މަދުވާނީ ޕޮއިންޓް ކޮޅެކެވެ. އެއްވަނަ ނަގާ މީހާގެ މާކްސްއަކަށް އަބަދުވެސް ވާނީ ސައްތައިން ސައްތައެވެ. ދެވަނަ އަށް އެއަންނަނީ ހަމަކުޑަކުޑަ ޕޮއިންޓެއް މަދުވެގެންނެވެ. ބައެއް ފަހަރު އެއީ ޓީޗަރުން ގަސްދުގަ ކުރާ ކަމެކޭވެސް ހީވާވަރުވެއެވެ.
ކުރިން ބުނި ފަދައިން ނުހަނު މޮޅަށް ކިޔަވަމުން އައި ރަހްމަތްތެރިޔާއަށް ޖެހުނީ ކޮންފަދަ އެސްފީނާއެއް ކަމެއްވެސް ނޭނގެއެވެ. އަހަރަކީ 2008 ވަނަ އަހަރެވެ. އަހަރެމެން ކިޔަވަމުން ދިޔައީ ރަށުގެ ބޮޑު ސުކޫލުންނެވެ. މިއީ ވަރަށް ހާއްސަ އަހަރެކެވެ. ދިހައަހަރުގެ މަސައްކަތުގެ އަސްލު ނަތީޖާ ލިބޭ އަހަރެވެ.
ސޯޅައަހަރަށްދާ އަހަރެމެން ދެރަހްމަތްތެރިން ގްރޭޑްއަށެއްގައި ކިވަން ފަށަމުން އަތާއަތް ޖަހާ ވައުދުވީ، “ބެސްޓްއޯލްރައުންޑް”، ގަދަ ދިހައެއް، ގަދަ ފަހެއް، އަދި މުޅި ދުނިޔެއިން އޯލެވެލް އިމްތިހާނުން އެއްވަނަ ހާސިލު ކުރުމަށެވެ.
ނަމަވެސް މިހުރިހާ އުއްމީދުތައް ފެނަށް ވެގެންދިޔައީ ނުވެސް އެނގިއެވެ.
އަހަރެންގެ އެކުވެރިޔާ ސުކޫލަށް އައިސް އިންނަނީ ނެގިމަޑުވެފައެވެ. ހިމޭންވެފައެވެ. ފިލާވަޅަކަށް ސަމާލުކަމެއް ނުދެއެވެ. ގިނަ ދުވަސްދުވަހު އިންނާނީ ނިދިމޫޑުވެފައެވެ. ކަންބޮޑުވުން ހައްދު ފަހަނައަޅާ ދިޔައީ ރަހްމަތްތެރިޔާ ސުކޫލަށް ނާންނަން ފެށުމުންނެވެ. ހަފްތާއަކު ދެދުވަހު ސުކޫލަށް އައިއްޔާ ބާކީ ދުވަސްތަކުގައި ރަހްމަތްތެރިޔާގެ ބަލިކަމުގެ ސަލާމް ސުކޫލް އޮފީހަށް ފޮނުވައެވެ.
އަހަންނަށް މިކަންތައް ވަރަށް ބޮޑުވެއްޖެއެވެ. ރަހްމަތްތެރިޔާގެ ގެއަށް ގޮސް އޭނާގެ މަންމައާވެސް ސުވާލު ކުރީމެވެ. ވަކި އިތުރު ވާހަކައެއް ނުބުނެއެވެ. ބަލިވާތީ ސުކޫލަށް ނުދަނީ ކަމަށް ބުނުން ފިޔަވައި އިތުރު ވާހަކައެއް ނޭނގުނެވެ. އަހަންނަކަށް މިވާހަކަ ގަބޫލެއް ނުކުރެވުނެވެ.
އެކުގައި ވީހާ އަހަރުތަކުގައި އަހަންނަށް ރަހްމަތްތެރިޔާ ކިޔެވުމަށް ކުރާ މަސައްކަތާއި އެންމެ މާކުހެއް މަދުވިޔަސް ދެރަވެ ކަންބޮޑުވާ ވަރު ވަރަށް ގާތުން ހުރީ ފެނިފައެވެ. އެހެންކަމުން ހަމައެއްވެސް ކަމަކާ ނުލައި ރަހްމަތްތެރިޔާ ސުކޫލަށް ފަރުވާކުޑަ ނުކުރާނެކަން ވިސްނެއެވެ. އަދި އެވެސް ވާނީ ބޮޑު ކަމަކަށް ކަންވެސް އަހަންނަށް ވިސްނުނެވެ.
ދެން އިވުނީ ކުއްލިއަކަށް ރަހްމަތްތެރިޔާ ސުކޫލުން ކެނޑުނު ވާހަކައެވެ. ހަމަ އެއަޑާއެކު ރަހްމަތްތެރިޔާގެ ކައިވެނި ކުރެވުނު ވާހަކައެވެ. ހައިރާންވެ އަންތަރީސްވެފައި ހުރެ އަހަރެން ރަހްމަތްތެރިޔާއާ ބައްދަލު ކުރަން ދިޔައީ ވެގެން އުޅޭ ގޮތް އަހާފައި ނޫނީ އެގެއިން ނުނިކުންނަށް އަޒުމު ކަނޑައަޅައިގެނެވެ.
ރަހްމަތްތެރިޔާގެ ސިފަވެސް ހުރީ މުޅިން މިލާފައެވެ. މީހަކާ އިންނަ ހިތުން ކިޔެވުން ދޫކޮށްލާފައި ކައިވެނި ކުރި އަންހެންކުއްޖެއްގެ އެއްވެސް ސިފައެއް ނެތެވެ. މޫނުމަތީގައި ވެސް އެއްވެސް ތާޒާކަމެއްވެސް ނެތެވެ. ލޯކައިރި ހުރީ ކަޅުވެފައެވެ. އެންމެ ބޮޑަށް ފާހަގަވިކަމަކީ ރަހްމަތްތެރިޔާގެ އަތާއި ފަޔާއި މޫނާއި ކަނދުރާގައިވެސް ފެންނަން ހުރި ހިސާބުގައި ފާޑަކަށް ތަންތަން ނޫފައިގެންފައި ހުރިކަމެވެ.
ރަހްމަތްތެރިޔާ އެއްވެސް ވާހަކައެއް ކިޔައި ނުދިންނަމަވެސް އެގޭގައި އިންދާ އެހެން މަންޒަރުތަކެއް ފެނުނެވެ.
ގޭދޮށަށް މަޑުކޮށްލި ލޮރީއަކުން ބޭލީ އޮޓޯ ދޮންނަމެޝިނަކާއި، ބޮޑު އައިސްއަލަމާރިއަކާއި، ފުޅާބޮޑު ފްލެޓްސްކްރީން ޓީވީއެކެވެ. އަދި މި ނިމުނީ ނޫނެވެ. ފޮށިފޮށިގަނޑުތަކުގައި ތައްޔާރީކާނާއާއި ޖޫސް، މައިލޯ، ކިރު، މޭވާ، ތަރުކާރީ، މިހެން ގޮސް ނަން ހުސްކޮށް ތަކެތި ގެއަށް ވެއްދިއެވެ. ރަހްމަތްތެރިޔާގެ މަންމަ އެތެރެއިން ނުކުތީ އެވަގުތެވެ. ލޯތަރަތަރަ ޖަހައިގެންދާވަރަށް ރަން އަޅާފައި ހުރި ވަރުން ހީވަނީ ރަންގަހެއްހެނެވެ. އެހާ އަގުބޮޑު މޮޅު ފޮތީގެ ހެދުމަކާއި ކުލަގަދަ މޭކަޕެކެވެ.
ކޮންމެވެސް ވަރަކަށް މިވެގެން އުޅޭ ގޮތް ރޭކާލާން ފެށިތަނާ ގޭދޮރުމައްޗަށް މަޑުކޮށްލި އަޅިކުލައަކަށްދާ ބޮޑު ކާރެކެވެ. އެއީ އަހަންނަށްވެސް އެނގޭ ކާރެކެވެ. މުޅި އަތޮޅުގެ ވިޔަފާރި ބަލަހައްޓާ، މީހުންކިޔައި އުޅޭ ނަމުންނަމަ “ވިދާ ފުޅު”، އެއީ އަހަރެން ކާފައާ ގާތްގަނޑަކަށް އެއް އުމުރެއްގެ މީހެކެވެ. ޔަގީނުންވެސް ފަންސާހާ ގާތް ވެދާނެއެވެ. އަނެއްކޮޅުން އޭނާގެ އަނތްބަކާއި ދަރިންވެސް އެބަތިއްބެވެ. ކާފަދަރިން ލިބޭވަރު ވެފައެވެ.
އަހަންނަށް ހުރިހާ މަންޒަރެއް ކުލަވީ އެހިސާބުންނެވެ. ވީދެރައަށްވުރެ އައީ ރުޅިއެވެ. ކުރާނެ އެއްވެސް ކަމެއް ނެތެވެ. ރަހްމަތްތެރިޔާގެ އުމުރަކީ ހަމައެންމެ ފަނަރައަހަރެވެ. އަހަރެންގެ ވެސް އުމުރަކީ އެއެވެ. އަހަރެމެންނަކީ ކުޑަކުދިންނެވެ. އަހަރެމެންނަށް އަމުރު ކުރާނީ ލޯބިވާ ހެޔޮއެދޭ މައިންބަފައިން ނޫނީ ބެލެނިވެރިންތާއެވެ.
އޭގެ ދުވަސްކޮޅެއްފަހުން އެއަހަރު ކުއްލިއަކަށް އަހަރެންގެ އާއިލާ މާލެ ބަދަލުވާން ޖެހުނެވެ. ބައްޕައަށް ސަރުކާރުގެ ބޮޑު ޒިންމާއެއް ހަވާލުކުރެވުނީއެވެ. އަހަރެން ރަހްމަތްތެރިޔާއާ ސަލާމްކޮށްލަން އެގެއަށް ތިން ހަތަރު ފަހަރު ދިޔައިމެވެ. ކޮންމެ ފަހަރަކުވެސް މަރުހަބާކީ ތަޅުލާފައި ހުރި ބޮޑުދޮރުގައި އެޅުވިފައި އޮތް ދަގަނޑު ތަޅެވެ.
އޭގެ ފަނަރަ އަހަރު ފަހުން މިއަދު އަހަރެންގެ ކުރިމަތީ އައިސް އެއިނީ އަހަރެންގެ ފުރާނަފަދަ ލޯބިވި ރަހްމަތްތެރިޔާއެވެ. އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ޕޭޝަންޓެއްގެ ގޮތުގައެވެ. ލިބިފައި ހުރި އަނިޔާތައް އެނގުމުން އަހަރެން ފެންކަޅިވިއެވެ. ހަށިގަނޑު ހެދިބޮޑު ނުވަނީސް އެކަށީގެން ނުވާ ވަރުގެ ބުރަ އުފުލަން ޖެހުމުން ހަލާކުނުވާ ތަނެއް އެހަށިގަނޑުގައި ނެތެވެ. އަހަރުތަކެއް ކުރިން ރަހްމަތްތެރިޔާގެ ގައިން އަހަންނަށް ފެނުނު ނޫފައިގެންފައި ހުރީ އޭނާގެ ފިރިމީހާ ލޯބިން ފިރުމައި ދަތުގެ ހަމަލަ ދީފައި ހުރި ތަންތަންކަމަށް ރަހްމަތްތެރިޔާ ބުންޏެވެ.
މިއަދު އެއްކަހަލަ ފިރިމީހާއެއްވެސް ނެތެވެ. ކައިވެންޏަށް ހައެއްކަ އަހަރުވީއިރު އުމުރުން އެކާވީހަަކަށް އަހަރުގައި ރަހްމަތްތެރިޔާ ފަސްކުދިންގެ މަންމައަކަށްވީއެވެ. ރީތިކަން ފަނޑުވަމުން ދިޔަވަރަކަށް ފިރިމީހާގެ އަނިޔާތައް ވީ އިތުރެވެ. އަދި އާދައިގެ މަތިން ތިންވަނަ އަނތްބެއް ހޯދީއެވެ. ހަގުއަނތްބާއި ދޮށީ އަނބީގެ މެދުގައި ހުރި އެކުވެރިޔާ ވީ ގޭގައި ގެންގުޅޭ މީހަކަށެވެ. ބޭނުންއިރަކު ތަންސާފުކުރަން ގެންގުޅޭ އަތްދުތަކަށެވެ.
“ކުރާނެ ކަމެއް ނެތް. ބައްޕަ ހުރީ ވަރަށް ދަރަނިވެރިވެފަ. ކޮއްކޮމެންގެ ސުކޫލާއި ގޭގެ ހަރަދުތަކާއި މަންމަ ބޭނުންވާ އަރާމު ދިރިއުޅުން ލިބެން އޮތް ގޮތަށް އެމީހުން ކަންތައް ކުރީ، އަހަންނަށް ލިބިފައި ހުރި އިލްމަކުން ވާން އުޅޭ ގޮތް އެނގުނަސް މަންމަމެން ދެރައެއް ދޭނެކަން ގަބޫލެއްވެސް ނުކުރެވުނީ، ދެން ގެއިން ފިލައިގެން ވަކި ދާނީވެސް ކޮންތާކަށް. އަހަންނަށް އެނގޭ ތިއެކުވެރިޔާ އެހީވާނެކަން، އެކަމަކު ރަށު އޮފީހުން ގެންދާނެ، މަށަކީ ކުޑަކުއްޖެއް ކަމަށް އެހިސާބުން އަނެއްކާވެސް ވާނެ، އެހުރިހާ ކަމަކާވެސް ވިސްނިން. އަމިއްލަ އަށް މަރުވުމަކީ ހައްލަކަށް ނުވާތީ ހިތްވަރު ކުރީ. ފުޅު އަތުން ބައްޕަ ނަގާފައި އޮތް ލޯނު މާފްކޮށްދީ އިތުރަށް ވެސް ދިން،
މަންމަމެންނަށް ހިތްބަރު ނުކުރަން. ކޮށްގެންވެސް ވަކި ކުރާނީ ކީއް، އަދު އެދެމީހުންވެސް އެތިބީ މުސްކުޅިވެފައި، އަހަރެން މިއިނީ ރަހިމުގެ ކެންސަރުގައި ބަލިވެފައި، އަދި ކިރިޔާ ތިރީހަކަށް އަހަރޭ ބުންޏަސް ކާކު ގަބޫލު ކުރާނީ، އަހަރެން އެކައިވެނި ނުކުރަން ގަދަދެއްކިރޭ ނިދިފައި އޮއްވާ މަންމަމެންވެސް ވެއްދީމަތާ އޭނައަށް ވަދެވޭނީ، އެރެއިން ފެށިގެން އަހަރެން އެއްބަސްވަންދެން އެކަންދިޔައީ އެހެން، ކޮންމެ ރެއަކު ގަދަކަމުން އަނިޔާކޮށް ގޯނާކުރަމުން ދިޔައީ، އެންމެ ފަހުން އަހަރެން ބަނޑުބޮޑުވީ، އަދި އިންނާނަމޭ ބުނެ އެއްބަސްވިތަނާހެން ކުއްޖާ ބައިގެން ދިޔައީ، މިއިން އެއްވެސް ކަމެއް އޭރު ފަހުމެއްވެސް ނުވޭ، ކީއްކުރާނީ، ވެނިމި ދާތަނެއް ބަދަލެއް ނުކުރެވޭނެތާ.
މިހާރު މަންމަވެސް ދެރަވޭ، ބައްޕަވެސް ބުނޭ އޭރު ނުވިސްނުނީއޭ ނޭނގުނީއޭ، އެކަން އަހަންނަށް ގަބޫލު ކުރެވޭ، މަންމަމެންގެ އުމުރުން ބާރަތޭރަ އަހަރުގައި ކައިވެނި ކުރުވީމަ ދަރިންނާއި ގޭގެ ބަދިގެއާއި ފިރިމީހާއަަށް ބޯލެބުން ނޫންކަމެއް އެމީހުންނަށް ދަސްވެފައެއް ނެތް. އޭގައި އެމީހުންގެވެސް ކުށެއް ނެތް. ޒަމާނާއި ހާލަތު. އެނގުމާއި ނޭނގުމުގެ ފަރަގު، ތިއެކުވެރިޔާގެ މަންމައާއި ބައްޕައަކީ ތަންދޮރު އެނގިފައި ތިބި މީހުން، ސަރުކާރު ވަޒީފާއެއްގައި ބައްޕަ ހުންނެވީ، އަހަރެންގެ ބައްޕައަށް އޭރު ވިސްނިފައި އޮތީ ފައިސާއާއި މުދަލޭ ހުރިހާވެސް އެއްޗަކީ، އަހަރެމެންގެ ފަގީރުކަން ބައްޕަމެނަށް ބުރައަކަށްވީ، ގޭގެ މާހައުލު ރަނގަޅުކުރުމަކީ ދޮށީދަރިފުޅަށްވީމަ އަދާކުރަން ޖެހޭ އަހަރެންގެ ޒިންމާތަކެއްކަމަށް ދެއްކީ
އެހެންވިޔަސް އެދުވަސްވެސް ފާއިތުވެހިނގައްޖެ، އެކަމަކު އެއްކަމެއް ޔަގީން، އަހަރެންގެ ހުރިހާ ކުދިންނަށްވެސް ކިޔަވައިދީ މޮޅު ކުދިންނަށް ހަދާނެކަން ޔަގީން، އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ މަގު ތަނަވަސްކޮށްދޭނަން. އަހަރެން ވަރިވީ މިޝަރުތުތަކަށް އެކުދިންގެ ބައްޕަ އެއްބަސް ކުރުވާފައި
މިހާރު ދެން އަހަރެންގެ އިތުރު އަމިއްލަ އުފަލެއް ނެތް، އުމުރަށްވުރެ ކުރިން އަހަރެން މީނީ ބަލިވެ މުސްކުޅިވެފައި، ވަގުތުގެ ކުރިން ގަދަބާރުން ފޮޅުވާލި މަލެއްގައި ހުންނާނީ ކޮން ކަމެއް، އެކަމަކު ރަހްމަތްތެރިޔާ، ކަލޭ ފެނުމުން އަހަންނަށް އަހަރެން ފެންނަ ކަހަލަ،”
ރަހްމަތްތެރިޔާ އެވީ ވައުދުގައި އޭނާ ދެމިހުރުމަށް ހަމަ ޔަގީނުންވެސް އަހަރެންގެ ފުރިހަމަ އެހީދޭނަމެވެ. ހިތްވަރުގަދަ ރަހްމަތްތެރިޔާއަށް އިތުރު ބާރަކަށް ވާނެކަމުގެ ޔަގީންކަނ ދިނުމުގެ ގޮތުން އަހަރެންގެ އަތްތިލައިގައި ހިފަހައްޓާފައިވާ ރަހްމަތްތެރިޔާގެ ކުރަލާފައިވާ އަތްތިލައިގަ އަހަރެން މޫނުޖައްސާލީމެވެ. ރޮވިފައި އިނދެއެވެ.
މިކަހަލަ ކިތަންމެ އަންހެންކުދިންނެއް އުޅޭނެއެވެ. ވަގުތުގެ ކުރިން ފިޔަތައް ގަދަބާރުން ފޮޅުވާލެވޭ މައުސޫމު މާތަކެވެ. ދުނިޔޭގެ އުފަލާއި އެދުމަށްޓަކައި ވިއްކާލާ މުދާގަނޑެއްގެ ގޮތުގައެވެ. އަހަރެންގެ ރަހްމަތްތެރިޔާގެ ހަޔާތުގެ މިވާހަކައަކީ އިބްރަތަކަށް ވާނެކަމަށް ހީކުރަމެވެ. އެ ރަހްމަތްތެރިޔާއަށް އޭނާގެ މައިންބަފައިން އެގޮތަށް ކަންތައް ނުކުރި ދުވަހެއްނަމަ، މިއަދު އޭނަ ހުރީހީ މިއަށްވުރެ މަތީ، ޒިންމާދާރު، ގައުމަށް ފައިދާ ހުރި މަގާމެއްގައި، ގައުމު ފަހުރުވެރިވާފަދަ ދަރިއެއްގެ ގޮތުގައިކަން ޔަގީނެވެ. އެކަމަކު ކުރާނެ ކަމެއްނެތެވެ.

