ރޭ ޕެރިހުގައި ބޭއްވި "ފްރާންސް ފުޓްބޯލް ބެލަން ޑިއޯ" އެވޯޑް ޝޯވ ގެ އެންމެ ހާއްސަ އެވޯޑް، އާޖެންޓީނާއާ އެކު ވޯލްޑްކަޕް ކާމިޔާބު ކުރި ލައަނެލް މެސީ އަނެއްކާވެސް ކާމިޔާބުކޮށްފިއެވެ.
މި އެވޯޑާއެކު މެސީ މިވަނީ ޖުމްލަ އަށްފަހަރަށް ބެލަން ޑިއޯ އެވޯޑް ކާމިޔާބު ކޮށްފައެވެ. 2004 ވަނަ އަހަރު، ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގެ އުދަރެހުން އުދަވި މި ތަރީގެ ވިދުން އެހެންތަރިތަކުގެ ވިދުން ފަޑުކޮށްފިއެވެ.
އުމުރުން 36 އަހަރުގެ މެސީ މި އެވޯޑް ކާމިޔާބުކުރިއިރު، މެސީއާ އެންމެ ކައިރިން ވާދަކުރީ މެންޗެސްޓަރ ސިޓީގެ ނޯވޭ ކުޅުންތެރިޔާ އާލިން ހާލަންޑާއި ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބައްޕޭއެވެ.
މެސީގެ ބެލަން ޑިއޯ ލިސްޓަށް 2023 އިތުރުވި އިރު، މީގެ ކުރިން މެސީ މި އެވޯޑް ހާސިލު ކޮށްފައި ވަނީ ވިދިވިދިގެން ހަތަރު އަހަރު (2009 އިން ފެށިގެން 2012 އާ ހަމައަށް،) އޭގެ ފަހުން އަނެއްކާ ވެސް 2015 އަދި 2019 އާއި 2021 ގައެވެ.
މެސީއާ އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި އެވޯޑު ފަސް ފަހަރު ކާމިޔާބު ކޮށްފައެވެ.
ދާދި ހަމަހަމަކޮށް މި އެވޯޑު މި ދެ ކުޅުންތެރިން ހޯދަމުން ދިޔަނަމަވެސް، މެސީގެ 8 ވަނަ އެވޯޑާއެކު ރޮނާލްޑޯއަށް ދެން މި ރެކޯޑުން މެސީއާ ހަމަކުރެވޭނެ ގޮތެއް ނެތުނީއެވެ.
މި ދެކުޅުންތެރިންގެ އިތުރުން މި އެވޯޑް އެންމެ ގިނައިން ހޯދާފައި ވަނީ ޖޯހަން ކްރައިފް، މިޝޭލް ޕްލެޓިނީ އަދި މާކޯ ވެން ބާސްޓެންއެވެ. މިއިން ކޮންމެ ކުޅުންތެރިއަކުވެސް ވަނީ މި އެވޯޑް ތިން ފަހަރު ކާމިޔާބު ކޮށްފައެވެ.
އެންމެފަހުން މި އެވޯޑު ކާމިޔާބުކޮށްފައިވަނީ މިހާރު ސައުދީ ޕްރޯ ލީގުގެ އަލް-އިއްތިހާދަށް ކުޅެމުން އަންނަ ފްރާންސްގެ ކަރީމް ބެންޒެމާއެވެ. ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގާއި، ލަ ލީގާ، ޔޫއެފާ ސުޕަ ކަޕް އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

