އެވޮކާޑޯއަކީ ސިއްހަތަށް ފައިދާހުރި ފެޓްސް އާއި ފައިބަރު ފަދަ މުހިންމު ނިއުޓްރިއަންޓްސް ތައް އެކުލެވިގެންވާ މޭވާއެކެވެ. މީގެ އިތުރުން އެވޮކާޑޯގައި ހިމެނޭ އެންޓި-އިންފްލެމޭޓަރީ އަދި އެންޓިއޮކްސިޑެންޓް ކޮމްޕައުންޑްސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދެއެވެ.
"ޕާސީ އެމެރިކާނާ" ގެ ނަމުން ނަން ދީފައިވާ މި އެވޮކާޑޯ އަކީ "ޕަވާހައުސް ސުޕަ" ބާވަތެކެވެ. އެވޮކާޑޯގައި ސިއްހަތަށް ފައިދާހުރި ފެޓްސް، (އެންޓި-އޭޖިން) އަވަހަށް އުމުރުންދުވަސްވީ ސިފަތަކާއި ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ އެންޓިއޮކްސިޑެންޓްސް އަދި ގާތްގަނޑަކަށް ވިއްސަކަށް ވައްތަރުގެ ވިޓަމިން އަދި މިނަރަލްސް އެކުލެވިގެންވެއެވެ.
އާންމުކޮށް އެވޮކާޑޯ ކާ މީހުންނަށް ފައިބަރު، ގިނައިން ލިބޭނެއެވެ. އެވޮކާޑޯގައި ވިޓަމިންއެކޭ އެއްވަރަށް ގިނަ މިނަރަލްސް ހުރެއެވެ. އެގޮތުން ވިޓަމިން ސީ، އީ، ކޭ، އަދި ބީ6ގެ އިތުރުން ރައިބޯފްލެވިން، ނިއާސިން، ފޮލޭޓް، ޕެންޓޯތީނިކް އެސިޑް، ހިމެނޭއިރު ޕޮޓޭސިއަމް ވެސް ހެޔޮވަރުގެ މިނަކަށް ހިމެނޭ އެވޮކާޑޯއަކީ އިންސާނާގެ ހަށިގަނޑުގައި އުފެދޭ ސްޓްރަކްޗަރަލް އަދި ކެމިކަލް ރިއެކްޝަންތަކަށް ބޭނުންވާ މިނަރަލްއެއް ކަމަށްވާ މެގްނީޒިއަމްއިން ވެސް މުއްސަނދި މޭވާއެކެވެ.
ކޮންމެ 100 ގްރާމްގެ އެވޮކާޑޯއެއްގައި 76 މިލިގްރާމްގެ ބީޓާ ސިޓޯސްޓެރޯލް ކިޔާ މާއްދާއެއް ހިމެނެއެވެ. އެއީ ކޮލެސްޓްރޯލް ލެވެލް ރަނގަޅު މިންވަރެއްގައި ހިފަހައްޓައިދީ، ހިތް ދުޅަހެޔޮކަންމަތީ ބެހެއްޓުމުގައި މުހިންމު ރޯލެއް އަދާކުރާ މާއްދާއެކެވެ.
މީގެ އިތުރުން މިއީ ލޮލުގެ ފެނުން ރަނގަޅުކޮށް ދިނުމަށް އެހީތެރިވެދޭ މޭވާއެެކެވެ. އެގޮތުން އިރުގެ އަލިން ފޮނުވައިދޭ ޔޫވީީ ލައިޓްއިން އިންސާނާގެ ލޮލަށް ލިއްބައިދޭ ގެއްލުންތައް ކުޑަކޮށްދިނުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓްތައް އެވޮކާޑޯގައި ހިމެނެއެވެ.
އެވޮކާޑޯ ބޭނުންކުރުމާއި ކެންސަރުގެ ނުރައްކާ ކުޑަވުމާ ސީދާ ގުޅުމެއް އޮތް ކަމަށް ދިރާސާތަކުން މިހާތަނަށް ހޯދިފައި ނުވި ނަމަވެސް، ބައެއް ބާވަތުގެ ކެންސަރުތައް ޖެހުމުން ރައްކާތެރިކޮށްދޭ ކޮމްޕައުންޑްތައް އެވޮކާޑޯގައި ހިމެނެއެވެ.
އެވޮކާޑޯގެ އެންމެ ހާއްސަކަމަކީ ހަށިގަނޑަށް ފައިދާހުރި ފެޓްސްގެ ބާވަތެއް ކަމަށްވާ "މޮނޮއަންސެޗިއުރޭޓެޑް ފެޓްސް" ހިމެނޭކަމެވެ. މިބުނާ ފެޓްސްގެ ސަބަބުން ކާބޯހައިޑްރޭޓްސް ހަޖަމްކޮށްދޭ މިންވަރު ލަސްކޮށްދީ، ލޭގައި ހަކުރުގެ އެކުލެވޭ މިންވަރު ހަމައަކަށް އެޅުވުމަށް އެހީތެރިވެއެވެ.

ސިއްހަތަށް ފައިދާހުރި "ފެޓްސް" ކެއުމުން ބަނޑު ހުސްވުން ލަސްވެ، އާދަޔާ ހިލާފަށް ގިނަ އިރު ބަނޑު ފުރި، ބަނޑުހައިވުން ލަސްކޮށްދެ އެވެ. މިއީ ފެޓްސް ހިމެނޭ ކާތަކެތި ކެއުމުން ލިބޭ ހިތްހަމަޖެހުމެކެވެ. އެވޮކާޑޯއަކީ މިބުނާ ފެޓްސް ހިމެނޭ ބާވަތެކެވެ. މިއީ ސިއްހަތަށް ފައިދާ ހުރި ވައްތަރެކެވެ. ސަބަބަކީ ކެއުމުގައި އެވޮކާޑޯގެ ދެބައިކުޅަ އެއްބައި ހިމެނުމަކީ ފަސް ގަޑިއިރު ވަންދެން މިބުނާ ހިތްހަމަޖެހުން ވަރަށް ބޮޑަށް އިތުރުކޮށްދޭ ކަމެކެވެ. އެހެންކަމުން ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ވަރަށް ފަސޭހަ ގޮތެކެވެ، ސަބަބަކީ މިފަދަ ކެއުންތަކަށްފަހު "ހިތްހަމަޖެހުން" ލިބިގެން ދިއުމުން ދެން ހައިކަން ދުރުކޮށްލަދޭތީއެވެ. އެގޮތުން އެވޮކާޑޯގެ ދެބައިކުޅައެއްބައި ފަސްގަޑިއިރުވަންދެން ބަނޑުހައިހޫނުކަމުން ދުރުކޮށްލަދޭތީއެވެ.
ްއެވޮކާޑޯގައި ހިމެނޭ "ފެޓްސް" އަކީ ހަށިގަނޑަށް ގެއްލުންދޭ "ފަލަ"ކުރާ ފެޓްސް އެއްކަމަށް ގަބޫލުކޮށް މި ގޮތަށް އެވޮކާޑޯ ކެއުމުން ބަރުދަން އިތުރުވާ ކަމަށް ދެކެވޭ ވާހަކައަކީ ގޯހެކެވެ. ސިއްހަތަށް ފައިދާހުރި ފެޓްސް ކެއުމަކީ ބަރުދަން ބެލެހެއްޓުމުގެ ސްޓްރެޓެޖީއެކެވެ. ކެލޮރީ ކޮންޓްރޯލް ކުރާ ކެއުމެއްގައި ދުވާލަކު އެއް އެވޮކާޑޯ ބާރަ ހަފުތާ ވަންދެން ބޭނުންކުރުމުން ފެޓާއި ކެލޮރީސް ހަމަހަމަކޮށް ލިބެމުންދާނެއެވެ. މަތީގައި ބަޔާންކުރި "ކެއުމުގެ ހިތްހަމަޖެހުން" ބަރާބަރަށް ލިއްބައިދިނުމުގެ ނަތީޖާއަކީ ބަރުދަން އިތުރުނުކޮށް ފިޓްކޮށް ހުރުމަށް އެހީތެރިވުމެވެ.
އެހެންކަމުން ބަރުދަން ލުއިކުރުމަށް ނުވަތަ ހަށިގަނޑުގެ ބަރުދަން ދެމެހެއްޓުމަށް އެދޭ މީހުންނަށް އެވޮކާޑޯ އަކީ ހަމަ އެއްވަނަ މޭވާއެވެ.

