ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް 32،426 އެމެރިކާ ޑޮލަރު ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި ދައުވާގައި 32،426 އެމެރިކާ ޑޮލަރު ދޭންޖެހޭ ކަމަށް ބުނާ ބަޔަށް އެފްއޭއެމުން އެއްބަސްވި ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން ހުށަހަޅާފައިވާ ދެ ޕަސެންޓަށް އެފްއޭއެމުން އެއްބަސްވެފައެއް ނުވެއެވެ.
އެފްއޭއެމުން ބުނެފައި ވަނީ، ފަހުން ދައްކާގޮތަށް ބީހައިވް އަށް ފައިސާ ދޫކޮށްފައިވީ ނަމަވެސް އެ ފައިސާ ނުދެއްކޭ ހާލަތުގައި ގެއްލުމުގެ ބަދަލު ދިނުމަށް އެއްބަސްވުމުގައި ނޯންނާނެ ކަމަށެވެ.
ދައުވާއަށް ޖަވާބުދާރީވަމުން އެފްއޭއެމުން ބުނެފައި ވަނީ އެ ފައިސާ ދެއްކިފައި ނުވަނީ، އެސޯސިއޭޝަން މާލީގޮތުން ދަށް ވުމުގެ ސަބަބުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ލިބެން ޖެހޭ ފައިސާ އެ ދުވަހާ އަހަމައަށް ލިބިފައި ނުވާތީ ކަމަށެވެ. އެހެންކަމުން ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ އަކީ އެފްއޭއެމަށް މިހާރު ދިމާވެފައިވާ ހާލަތުން އެކީ އެއްފަހަރާ ދެއްކޭނެ ފައިސާއެއް ނޫން ކަމަށްވާތީ، އެ ދަރަނި އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކުމަށް އަމުރުކޮށްދިނުމަށްވެސް އެފްއޭމުން އެދުނެވެ.
އެފްއޭއެމުން އެދުނު އެ ކަންތައްތަކަށް ބީހައިވްގެ ފަރާތުން ދެކޮޅު ހަދާފައި ނުވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހިމަނާފައިވާ ދެ ޕަސެންޓަކީ މައާފު ކޮށްފައިވާ އަދަދެއްކަމަށް ނިންމައި، ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް އެފްއޭއެމުން ދައްކަން ޖެހޭ 32،426 ޑޮލަރު އެފަރާތަށް ލިބިދިނުމުގެ ގޮތުން އިއްޔެއިން ފެށިގެން އެއް އަހަރު ދުވަހުގެތެރޭގައި ކޮންމެ މަހަކުވެސް އެމަހެއްގެ 10 ގެ ކުރިން އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ބީހައިވް އަށް ދައްކައި ދަރަނި ހަލާސްކުރުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

