ބަލިމީހުންނަށް ގޮވައިލަން ދިޔުމަކީ އެކަމުގެ ސަބަބުން އިސްލާމީ އުޚުވަތްތެރިކަމުގެ ރޫހު އާލާވެގެންދާނެ ކަމެއްކަމަށް މިއަދު އިއްވި ހުކުރު ޚުޠުބާގައި ބުނެފިއެވެ.
އެގޮތުން އެކަމަކީ، ބަލިމީހާއަށް އެކަމުން ހިތްހަމަޖެހުން ލިއްބައިދީ، ބަލިމީހާގެ ކެކުޅުންތަކަށް ލުއިކަމެއް ލިބިގެންދާނެ ކަމެއްކަމަށާއި، އަދި ބަލިމީހާއަށް އަޅާލާ ބަޔަކު ތިބިކަން އޭނާއަށް އެގި، އުފާވެރިކަން ލިއްބައިދޭނެ ކަމެއް ކަމަށްވެސް ޚުޠުބާގައި ބުނިއެވެ.
މިކަމާއި ގުޅިގެން އަހަރެމެންގެ މާތް ރަސޫލާ (ޞައްލަﷲ އަލައިހި ވަސައްލަމް) ހަދީޘް ކުރައްވާފައިވާ ކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވާ ހަދީޘްއެއްގައި ވެއެވެ. ” ބަލިމީހަކަށް ގޮވައިލުމަށް ހަވީރުގެ ވަގުތެއްގައި މީހަކު ދިޔަނަމަ، އެމީހަކަށް ފާފަފުއްސަވައި ދެއްވުމަށް އެދި، ހަތްދިހަ ހާސް މަލާއިކަތުން ހެނދުނު ވަންދެން ދުޢާ ކުރައްވާނެތެވެ. އަދި ބަލި މީހަކަށް ގޮަވައިލަން ހެނދުނުގެ ވަގުތެއްގައި މީހަކު ދިޔަނަމަ، އެމީހަކަށް ފާފަފުއްސަވައި ދެއްވުމަށް އެދި، ހަތްދިހަ ހާސް މަލާއިކަތުން ހަވީރު ވަންދެން ދުޢާ ކުރައްވާނެތެވެ.
ބަލިމަޑުކަމަކީ އަހަރެމެން އިންސާނުންނަށް މާތް ﷲ ކުރިމަތިކުރައްވާ އިމްތިހާނެއް ކަމަށާއި، އަދި އެއީ އެކަމަކަށް ކެތްތެރިވާ މީހާއަށް މަތިވެރި ޘަވާބާއި ދަރުމަ ލިބިގެންވާ ކަމެއްކަމަށް ވެސް މިއަދުގެ ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.
އަދި ބަލިމަޑުކަން ކުރިމަތިވެ، އިންސާނާގެ ނަފްސު އިމްތިހާނު ކުރެއްވުމަކަީ، އޭނާގެ ނަފްސު ތާހިރުކޮށްދޭ ކަމެއް ކަމަށާއި، އެގޮތުން ބޮޑާކަމާއި ކިބުރުވެރިކަން ފަދަ ކަންތައްތަކުން ދުރުހެލިކޮށްދޭ ކަމެއްކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ބަލިމީހުންނަށް ޒިޔާރަތްކުރުމުގައި އަނެކުންނަށް އުނދަގޫ ނުވާ ފަދަ ގޮތަށް އަހަުލާގު ބެހެއްޓުމާއި، ބަލިމީހާއަށް ޒިޔާރަތްކުރުމައި، އޭނާއަށް އުނދަގޫވާ ފަދަ ގަނޑިތަކުގައި ނުދިޔުމަށް ޚުތުބާގައިވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.
މީގެ އިތުުރުން މިއަދުގެ ޚުޠުބާގައި ވަނީ، ދުޅަ ހެޔޮ ސިއްހަތެއް ލިބިފައިވާ މީހުންނާއި، އަދި ހުސްވަގުތު ލިބި އެ ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ޚުޠުބާގައި ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.

