ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ސަސްޕެންޑްކޮށްފިއެވެ.
ޖޭއެސްސީން، ކޮނޑޭ ކޯޓުގެ އިސްމެޖިސްޓްރޭޓް ސަސްޕެންޑް ކުރީ ދެ ހަފްތާއަށެވެ. މި ދެ ހަފްތާގައި މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމަށް މުސާރައެއް ނުލިބޭނެއެވެ.
ޖޭއެސްސީން ބުނީ، މުހައްމަދު އިބްރާހިމް ސަސްޕެންޑް ކުރީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާނުކުރާކަމާއި، މައްސަލަތަކުގެ ޙުކުމާއި، މައްސަލަތަކުގެ ރިޕޯޓު މުވައްޒަފުން ތައްޔާރުކުރަންޖެހޭކަމަށް އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަދުވަސްވެ އެ މައްސަލަތަކަށް އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް އިޙުމާލުވެފައިވާކަމަށާއި، އަދި ކޯޓުގެ ވާހަކަތަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ދައްކާކަން ކޮމިޝަންގެ ތަޚްޤީޤަށް ސާބިތުވެފައިވާތީ ކަމަށެވެ.
އަދި އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ މި ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމުގައި ޖޭއެސްސީން މިއަދު ބުންޏެވެ.

