ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހެޅުއްވީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ކެންޑިޑޭޓް ހަސަން ޒަމީލް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުން، އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން ގިނަވެގެން 60 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެކަމަށެވެ.
ހަބީބް ވިދާޅުވީ ކެންޑިޑޭޓުން ހުށަހަޅާ އޮޑިޓް ރިޕޯޓުތައް ފައިސާގެ ހުރިހާ މުޢާމަލާތުތަކެއް، ބިލްތަކާއި ބޭންކް ސްޓޭޓްމެންޓްތަކާއެކު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ޝާއިއުކުރުމާއެކު، އެ ރިޕޯޓުތައް ޢާންމުކޮށް ބެލޭނޭ ނިޒާމެއް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާނެ ކަމަށެވެ. މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވާދަކުރިއެވެ.

