ރާއްޖޭގައި އިއްޔެ ވެކްސިންގެ 2 ޑޯޒް 1204 މީހުން ފުރިހަމަކޮށްފިއެވެ.
އެގޮތުން އަލަށް ވެކްސިން ފުރިހަމަ ކުރި މީހުންނާއެކު ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ އަދަދު މިވަނީ 294،109 އަކަށް އަރާފައެވެ.
މީގެ އިތުރުން އިއްޔެ ގިނަ ބަޔަކު ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ވަނީ ޖަހާފައެެވެ. އިއްޔެ މާލެ ސަރަހައްދުން 630 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން 872 މީހުންނާއެކު ޖުމްލަ 1502 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެެވެ.
މި އޮގަސްޓު މަސް ނިމުމުގެ ކުރިން ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށް އަމާޒު ކޮށް މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
އަދި މި ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ވަނީ ވެކްސިން ނުޖަހާ ނަމަ ދަތި ކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.
ހަމައެއާއެކު އެޑިއުކޭޝަން މިނިސްޓްރީ އާއި ސުކޫލްތަކާއި ގުޅިގެން އަންނަ ހަފްތާ އިން ފެށިގެން އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި ފެށިފައިވާ ވެކްސިން ކޭމްޕާއި އަންނަ މަހުން ފެށިގެން އުސޫލްތަކަށް ގެނައުމަށް ނިންމާފައިވާ ބަދަލް ތަކާއެކު މިވަނީ ވެކްސިން ޖަހާ މީހުން ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. ރާއްޖެއިން މިހާތަނަށް 342،511 މީހުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

