ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ޔޫއޭއީ ސަރުކާރުން ހަމަޖައްސައިދީފިއެވެ.
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވަނީ ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު އަންނަ އަހަރުގެ ޓޫރިޒަމް ސީޒަން ފެށެންވާއިރަށް އެއްކޮށް ނިންމައިލާ، އޮޕަރޭޝަނަށް ގެނައުމެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، މި ފަހުން މުއިއްޒު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ހަވާސާފައި، ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމަން ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވުމަށް އެ ގައުމުގެ ސަރުކާރުގައި މުއިއްޒު އެދިވެޑައިގެންނެވި ކަމަށެވެ.
އަދި، އެ އެދިވަޑައިގަތުމަށް އިޖާބަދެއްވައި، ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމުމަށް ބޭނުންވާ 1.2 ބިލިއަން ދިވެހި ރުފިޔާ ހަމަޖައްސައިދޭން ޔޫއޭއީގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
“މި ފައިސާ ހަމަޖެހިގެން ދިއުމާ އެކު އެއާޕޯޓު މަޝްރޫއު ނިންމުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިގެން ދިޔައީ،”
އޭނާ ވިދާޅުވީ، މި އެހީއާ އެކު އެއާޕޯޓު މަޝްރޫއު އަވަހަށް ނިންމައިލެވޭނެ ކަމުގެ ޔަގީންކަން ބޮޑުވެފައިވާ ކަމަށެވެ. އަދި، މި ފައިސާގެ އިތުރުން ރާއްޖޭގެ ބަޖެޓު ސަޕޯޓަށް ވެސް އެ ގައުމުން އެހީތެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

