ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަ ވަނަ ރައީސުލް ޖުމްހޫރިއްޔާއަކީއީސް ހުވައި ކުރެއްވުން، މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބާއްވަން ކަނޑައެޅި ނިމިފައިވާ އިރު އެދުވަހު މިގައުމުގެ އަމަންއަމާންކަމާއި އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކަށް ތަބާވެ، އަމާނާތްތެރިކަމާއި އިހްލާސްތެރިކަމާއެކު މި ގައުމާ ހަވާލުވެވަޑައިގަންނަވަން ހުވާ ކުރައްވުމަށް، ދިވެހިން ހޮވާފައިވާ ފަރާތަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ތައުލީމުގެ އުސްހަރުފަތްތައް ގިރާ ކުރައްވައި ފުރިހަމަ ރަންވަނަތަކަކާއި ވިދުންގަދަ މެޑަލްތަކެއް ކާމިޔާބު ކުރައްވައިގެން ހުންނެވި އިލްމުވެރި ބޭފުޅެކެވެ.
އާދެ! ނިމިގެން މިދާ ދައުރުގެ ފަސް އަހަރުތެރޭ އައި ގަދަ ތޫފާންތަކެއްގައި، މިރާއްޖެ ގެބެމުންދާ ކަޅުއަނދިރި ކަނޑުން ސަލާމަތްކުރައްވައި، ގަދަބިޔަ ބޮޑެތި ރާޅުތަކާއި ވަރުހުރި އޮޔާ ދެކޮޅަށް ހަނގުރާމަކުރައްވައި، ކަރުތާފެނަށް ފެތިފައިވާ މި އޮޑި ފެނުން މައްޗަށް ނަންގަވަން އެންމެ ގާބިލުކަމަށް ދިވެހިން ގަބޫލު ކުރާ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަން ހިޔާރު ކުރައްވާނީ އެކަމަށް އެންމެ އެކަށީގެންވާ ފަދައަކުން ތައުލީމާއި ތަޖުރިބާ ހުރި ބޭފުޅުންކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.
މި ވައުދަށް ކަމޭހިއްތަވައި ވައުދު ފުއްދެވުމުގެ ގޮތުން ޑރ މުއިއްޒުގެ ކެބިނެޓުގައި ހިމަނާފައިވަނީ ޑިގްރީ ހޯލްޑަރުންނާއި ތަޖުރިބާހުރި އިހްލާސްތެރިންކަމުގައި، އެކި މީޑިޔާތަކުގައި ދައުރުވަމުންދާ ލިސްޓުން ސާބިތުވެއެވެ. ޑރ މުއިއްޒު އެކުލަވައިލައްވާނެ ކެބިނެޓު މިހާތަނަށް ރަސްމީކޮށް އިއުލާނުނުކުރެއްވި ނަމަވެސް ޕީޕީއެމްގެ އެތެރެއިން ލިބެމުންދާ މައުލޫމާތުތަކާއި ތުންތުން މަތިން އިވެމުންދާ ވާހަކަތަކުން އެކި ވުޒާރާތަކާ ހަވާލުވެވަޑައިގަންނަވާނީ ކޮންކޮން ބޭފުޅުންކަން ގާތްގަނޑަކަށް މިހާރު މިވަނީ ޔަގީންވާ ވަރަށް ކަށަކަވަރުވެފައެވެ. މިހާތަނަށް މީޑިއާއަށް ތިލަވެ ކަށަވަރުފައިވާ ނަންފުޅުތަކަށް ބަލާއިރު މި ކެބިނެޓު ވާނީ ތާރީހީ ކެބިނެޓަކަށެވެ.
އެއްވެސް ޝައްކެއް ވަސްވާހެއް ނެތް ގޮތުގައި ގާތްގަނޑަކަށް ނުވަދިހައިންސައްތަ ޔަގީންކަން ދެވޭ ގޮތުގައި މިހާރު ފެންނަން އޮތް ލިސްޓަށް ބަލާލައި ވިސްނާލުމުން ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިއްބަވާނީ ޑރ. މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގައެވެ.
މުހިއްމު ބައެއް މަޤާމުތަކަށް ސިޔާސީ ގޮތުން ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވާފައިވީ ނަމަވެސް އެހެނިހެން މުހިއްމު މަގާމުތަކަށް އައްޔަންކުރައްވަން ނިންމަވާފައިވާ ބޭފުޅުންނަކީ ސިޔާސީ ކަންކަމުން މާބޮޑަށް ނުފެންނަ، އެހެންކަމުގައިވިޔަސް އެ ބޭފުޅުންގެ ދާއިރާތަކުގެ ތަޖުރިބާކާރުންނެވެ.
ޑރ މުއިއްޒުގެ ކެބިނެޓަށް ވަޑައިގަންނަވާނޭކަމަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ބޭފުޅުންގެ ނަންތަކަކީ:
-
ހޯމް މިނިސްޓަރު – އަލީ އިހްސާން
-
ޑިފެންސް މިނިސްޓަރު – ގައްސާން މައުމޫން (ތ. ގުރައިދޫ ދާއިރާގެ މެންބަރު)
-
ޕްލޭނިން އެންޑް އެންވަޔަރަމަންޓް މިނިސްޓަރު – ތޯރިގް އިބްރާހީމް
-
ފިޝަރީޒް މިނިސްޓަރު – އަހްމަދު ޝިޔާމް
-
ލޯކަލް ގަވާނަންސް މިނިސްޓަރު – އާދަމް ޝަރީފު
-
އިސްލާމިކް މިނިސްޓަރު – ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
-
ޓޫރިޒަމް މިނިސްޓަރު – އިބްރާހީމް ފައިސަލް
-
ޔޫތު އެންޑް ޓެކްނޮލޮޖީ – އިބްރާހީމް ވަހީދު (އަސްވާޑް)
-
ޖެންޑާ މިނިސްޓަރު – ޑރ. އައިޝަތު ޝިހާމް
-
އެގްރިކަލްޗާ މިނިސްޓަރު – ޑރ. އައިޝަތު ރަމީލާ
-
ޓްރާންސްޕޯޓް މިނިސްޓަރު – މުހައްމަދު އަމީން (ކެޕްޓަން އަމީން)
-
ހަޔާ އެޑިއުކޭޝަން މިނިސްޓަރު – ޑރ. ،މަރިޔަމް މާރިޔާ
-
ފޮރިން މިނިސްޓަރު – މޫސާ ޒަމީރު
-
ހެލްތު މިނިސްޓަރު – ޑރ. އަބްދުﷲ ޚަލީލް
-
އެޑިޔުކޭޝަން މިނިސްޓަރު – ޑރ. އިސްމާއީލް ޝަފީއު
-
ފިނޭންސް މިނިސްޓަރު – ޑރ. މުހައްމަދު ޝަފީގް
-
އިކޮނޮމިކް މިނިސްޓަރު – މުހައްމަދު ސައީދު
-
ސްޕޯޓްސް މިނިސްޓަރު – ޑރ. އަބްދުﷲ ރާފިއު
-
އިންފްރާސްޓްރަކްޗާ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު – ޑރ. އަބްދުﷲ މުއްތަލިބް
-
ހައުސިން މިނިސްޓަރު – ޑރ. އަލީ ހައިދަރު އަހްމަދު
-
ބަންޑާރަ ނައިބު – އަހްމަދު އުޝާމް
މި ލިސްޓަށް ބަލާއިރު، ރާއްޖޭގެ އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީޕީއެމް/ޕީއެންސީ ފިޔަވާ ދެން ބޭފުޅަކު ހިމެނެނީ ހަމައެކަނި ކާނަލް ނާޒިމް ހިންގަވާ އެމްއެންޕީންނެވެ. އޭގެ އިތުރުން ދެން މި ލިސްޓުގައި ހިމެނެނީ ޑރ. މުއިއްޒު ވަރަށް ގާތް ބައެއް ބޭފުޅުންނާއި ތައުލީމީ ބޭފުޅުންނެވެ.
ދިވެހިރާއްޖޭގެ ތާރީހު ދުށް އެންމެ ވަރުގަދަ ތައުލީމީ ވެރިކަމެއް ފެށުމުގެ ވަގުތު މި އަންނަނީ ކުޑަތަންވަމުންނެވެ. މި 2023، ނޮވެމްބަރ 17 ވަނަ ދުވަހު ހުވާ ކުރައްވާ ޑރ މުހައްމަދު މުއިއްޒަކީ ދިވެހިތާރީހުގައި ފުރަތަމަ ފަހަރަށް ރައީސްކަން ކުރައްވާ ފުރަތަމަ ޕީއެޗްޑީ ހޯލްޑަރެވެ. ނައިބު ރައީސް ހުސައިން ލަތީފް އަހްމަދަކީ ފުރަތަމަ ފަހަރަށް ނައިބުރައީސްކަން ކުރައްވާ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ ގްރެޖުްއޭޝަނެކެވެ. ދެން އޮތީ ކެބިނެޓެވެ. އެންމެ ގިނަ ޑިގްރީ ހޯލްޑަރުންނާއި ޕީއެޗްޑީ ހޯލްޑަރުން ތިބި ކެބިނެޓްބެސް އޮތީ ޑރ މުއިއްޒުގެ ސަރުކާރުގައެެވެ

