ރާއްޖޭގައި ފިކުރީ ބައިބައިވުންތަކެއް ފާޅުކަން ބޮޑު ގޮތެއްގައި ނެތްނަމަވެސް ތަފާތު އެކިފިކުރު ޤަބޫލުކުރާމީހުން ދިވެހީންގެ ތެރޭގައިވެސް އުޅޭކަމަށާއި އެކަމުގައި އަދަބު ދިނުމަށް ވުރެ ބޮޑަށް ބޭނުންވަނީ ފަރުވާ ދޭން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ރޭ ވިދާޅުވެއްޖެއެވެ.
“ވަގުތު” ޓީވީގެ “ތަފްސީލީ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން
ޝަހީމް ވިދާޅުވީ ރާއްޖެއަކީ 100 އިންސައްތަ މުސްލިމު ގައުމަކަށްވީ އިރު ބައެއް ފަރާތްތަކުން އިސްލާމް ދީނާ މެދު ޝައްކު އުފެދޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށާއި އަދި ދީނީ ކަންތަކުގައި ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތައް ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.ފާޅުކަން ބޮޑު ގޮތެއްގައި ނެތް ނަމަވެސް މީސް މީޑިއާގެ މަންސަތަކަށް ބަލާއިރު، ރާއްޖޭގައި ފިކުރީ ތަފާތު ކުރުންތަކެއް އެބައޮތް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ެޝަހީމް ވިދާޅުވީ އެއީ ޖަލަށް ލައިގެން ހުއްޓުވޭނެ ކަމެއްނޫންކަމާއި އެކަން ހުއްޓުވޭނީ ފިކުރީގޮތުން ފަރުވާދެވިގެން ކަމަށެވެ.
“މިސާލަކަށް ހަރުކަށި ފިކުރު ހުންނަ މީހަކު އެކަން އެއީ އޭނަގެ ހިތުން އޭނަ ގަބޫލުކުރާ ގަބޫލުކުރުމެއް. އޭނަ ކިތަންމެ ދުވަހަކު ޖަލުގަ ބޭއްވިޔަސް އެ ގަބޫލުކުރުން ބަދަލެއް ނުކުރެވޭނެ. އެހެންވީމަ އެކަން ބަދަލުކުރަން މަސައްކަތްކުރަން ޖެހޭނީ ފިކުރީ ގޮތުން ފަރުވާ ދީގެން. ފަރުވާއޭ މި ބުނަނީ އޭނަ ދެކޭގޮތަކީ ކޮބައިތޯ ބަލާފަ އޭނައަށް ފަރުވާދޭ މީހާ ގަބޫލު ކުރާ ގޮތް ވެސް ހުށަހަޅަންވީ. އޭނާ ހެޔޮ ގޮތް ގަބޫލު ކުރަންދެން މަސައްކަތް ކުރަންވީ.”
ޑރ. ޝަހީމް ވިދާޅުވީ ޤައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ އިސްލާމީ އިދާރާއަކީ ވަރުގަދަ ތަނަކަށް ވާންޖެހޭނެ ކަމަށެވެ. އެހެންނޫނީ މިފަދަ ފިކުރީ ބައިބައިވުމުގެ ސަބަބުން އަންނަންއޮތް ޖީލަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

