ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ މިއަދު ބޭރުކޮށްލައިފިއެވެ.
މިއަދު ވިލުފުށީ ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެންބަރު ޙަސަން އަފީފް ރިޔާސަތުގައި އިންނެވި އެ ޖަލްސާގައި، އެ ޕާޓީގެ މެންބަރުން ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ގަރާރަކަށް ފެތޭ ގޮތަށް ނޫން ކަމަށް ބުނެފައެވެ.
އެގޮތުން ޖަލްސާ ފެއްޓުމާއެކު، ފުރަތަމަ ވެސް ޑިމޮކްރެޓްސްގެ މެންބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއްގެ ގޮތުގައި އެކަން ފާހަގަކުރެއްވިއެވެ.
އެ ނިޒާމީ ނުކުތާ ރިޔާސަތުން ބަލައިގަންނަކަން ނުވަތަ ނޫންކަން ހާމަނުކޮށް، އަފީފް އެހެން މެންބަރުންނަށް ނިޒާމީ ނުކުތާ ނެގުމަށް ފުރުސަތު ދެއްވިއެވެ. އެއަށް ފަހު، އޭނާ ވަނީ ނިޒާމީ ނުކުތާ ބަލައިގަނެ، އަލުން މައްސަލަ ހުށަހަޅަން އަންގަވައި، މަޖިލިސް ނިންމަވާލައްވާފައެވެ.

