ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރުމަށް ޖަލްސާ ބާއްވަމުން ދަނިކޮށް އެ މަގާމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައިފި އެވެ.
މިއަދު 16:00 ގައި ފެށި ޖަލްސާގެ ރިޔާސަތުގައި އިންނެވީ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އެވެ. އެ ޖަލްސާގައި ނަޝީދުގެ އިސްތިއުފާ ސިޓީފުޅު މަޖިލީހުގެ ތަޅުމަށް އިއްވިއިރު އެމަނިކުފާނު ވެސް ވަނީ އެ ސިޓީފުޅެއް ފޮނުއްވިކަން ތަޅުމުގައި ކަށަވަރު ކޮށްދެއްވާފަ އެވެ.
ކޯޓުން ހައްލެއް ހޯދުމުގެ ބަދަލުގައި، ސިޔާސީ މައްސަލަތަކަށް ހައްލު ހޯދަންވާނީ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުން ބޭރުގައި އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ދައްކައިގެންނެވެ. އެއް ފަރާތުން އަނެއް ފަރާތަށް އިހުތިރާމް ކުރުމާ އެކު ގައުމުގެ މަސްލަހަތު ކުރިއަށް ނެރެ ދޫދީގެންނެވެ. ސަބަބަކީ ސިޔާސީ މައްސަލަތަކަށް ކޯޓުން ދޭނެ ފަރުވާއެއް ނޯންނާނެތީ އެވެ." ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އިސްތިއުފާގެ ސިޓީގައި ނަޝީދު ވިދާޅުވެފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ އެމްޑީޕީން މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވާނެ ގޮތަށް އަމަލުކުރަމުންދާ ކަމަށާއި ކޯޓަށް ގޮސް މެމްބަރުންނަށް ލިބިދީފައިވާ ބާރެއް ހަނިކޮށްފައިވާ ކަމަށެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ އަމަލުތައް މިމަގުން ގެންދާކަމީ ބޮޑު ހިތާމައެކެވެ. ދިވެހިންނަށް ވެވޭ ބޭއިންސާފެކެވެ. އަޅުގަނޑަށް ފެންނަ ފެނުމުގައި، މަޖިލީހުގެ ރައީސްކަމުގައި އަޅުގަނޑު އިތުރަށް ހުރެއްޖެ ނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދޭ ގެއްލުން ދާނީ ބޮޑުވަމުންނެވެ. އެހެންކަމުން، މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދެމެވެ،" އެމަނިކުފާނުގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.
ހަމައެހެންމެ، އެމަނިކުފާނުގެ އިސްތިއުފާއަކީ ޑިމޮކްރަޓިކް ނިޒާމުގެ ތެރޭގައި ހަމަޖެހުމާއި، ނަޒާހަތްތެރިކަން އަލުން އާލާކުރަން އެހީތެރިވެދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ނަޝީދުގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.

