އަބަދުވެސް އިވެނީ ކޮންމެވެސް މީހެއްގެ ޝަކުވާއެއްގެ އަޑެވެ. ވިހި ތިރީހަކަށް އަހަރު ފާއިތުވެގެން ދިޔަ އިރުވެސް އެއްއަޑެކެވެ. ޚާއްސަކޮށް ރާއްޖޭގެ ބޮޑެތި އާބާދީ ތަކުގައި ހުރި ސިއްހީޚިދްމަތްދޭ ތަންތަނުގެ “ކަޑަ” ވާހަކައެވެ. އެތަންތަނަށް ހިނގައްޖެނަމަ ވަގުތުން މާލެއަށް ދާން ޖެހޭ ވާހަކައެވެ.
ވާ ގޮތް މިހާރު ގިނަ ބަޔަކަށް އެނގެއެވެ. އެހެންނަމަވެސް އާރާއި ބާރު ލިބުމުން ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދޭން އަންނަ މީހުން އެކަންކަމަށް ފަރުވާ ކުޑަ ކުރަނީއެވެ. ކަމެއް ރަނގަޅަށް ކުރުމުގެ ބަދަލުގައި ތިމާއަށް ކަޓު އޮންނަ ގޮތަކަށް ނޫނީ ކަންކަން ނުކުރަން ފައި ވިއްދަނީ އެވެ. ނަތީޖާއަކަށްވަނީ ކަމެއް ރަނގަޅަށް ކުރުމުގެ މަގު ބަންދުވަނީއެވެ. ތިމާއަށް ލިބޭ ކަޓަށް ޓަކައި ތިމާ ވެސް ތައްބައްދަނީއެވެ.
ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު ތަކެއް ހަދާނެ ވާހަކަ މާދަމާ ނިމެން މިދާ ސަރުކާރުން އައީ ދައްކަމުންނެވެ. ގދ. ތިނަދޫގައި ހަދަން ނިންމާފައިވާ ހޮސްޕިޓަލުވެސް ދައުރު ފެށުނު އިރު ހީވަނީ ހަމަ ދެންމިނިމެނީހެންނެވެ. ދައުރު ނިމުނު އިރުވެސް އެތަނެއްވެސް ނުފެނުނެވެ.
ދައްކަން މިއުޅެނީ އެވާހަކައެއްވެސް ނޫނެވެ. ސުވާލަކީ މުހިއްމީ އިމާރާތެއް ހެދުން ހެއްޔެވެ؟ ނުވަތަ މިހާރު ހުރި އިމާރާތުގެ ވަސީލަތްތައް ރަނގަޅު ކުރުން ހެއްޔެވެ؟
ތިނަދޫގައި ހޮސްޕިޓަލެއް ހަދާވާހަކަ ފުރަތަމަ ދެކެވުމާއެކުވެސް ޚިޔާލު ތަފާތުވުން ހުޓެވެ. ހޮސްޕިޓަލެއް ހެދުންތޯ ނުވަތަ ހުރި ހޮސްޕިޓަލުގެ ފެންވަރު ރަންގަޅުކުރުންތޯ ސުވާލު އުފެއްދިއެވެ.
އެހެންނަމަވެސް ސަރުކާރުން ނިންމީ ހޮސްޕިޓަލެއް އަލުން ހެދުމަށެވެ. އެގޮތަށް ސަރުކާރުން ނިންމީ އެކި މީހުނަށް އޭގެ ނަހަމަ މަންފާ ހޯދައި ދިނުމަށެވެ. ޕާޓީ މީހުންނަށް ނުވަތަ ކޮންމެވެސް ގޮތަކުން ގާތް މީހުނަށް ބައި އެޅުމުގެ ގޮތުންނެވެ. ގިން ޕްރޮޖެކްޓްތައް އުފައްދައި ގިނަ ފައިސާ އެނބުރުނު ވަރަކަށް ގަނެވޭ މީހުން ގިނަވާނެތީއެވެ.
އެކަން އެގޮތަށް ކުރުމުގެ ސަބަބުން ހުރިހާ ތަކުލީފެއް އުފުލަން ޖެހެނީ ހަމައެކަނި ބަލިމީހާއެއް ނޫނެވެ. ދައުލަތުންވެސް އޭގެ ބުރަ އުފުލަން ޖެހެއެވެ. ހޮސްޕިޓަލުތަކުން މާލެއަށް ދަތުރު ކުރުވާފައިވާ މީހުންގެ ލިސްޓް ހޯދާލީމަ އެކަން އެނގޭނެއެވެ. އަދި އެކަމަށް ހޭދަވެފައިވާ ފައިސާގެ އަދަދުތަކަށް ބަލާލީމަވެސް އެކަން އެނގޭނެއެވެ. އެފަދަ މައުލޫމާތު ތަކަކީވެސް ނޫސްތަކަށް ހާމަކުރުން މަނާ މައުލޫމާތަށް މިނިމޭ ސަރުކާރުން ހަދާފައިވާތީ އެއީ އާންމު އެއްޗެއްސެއް ނޫނެވެ.
ވޭތުވި ގިނަ ސަރުކާރުތަކުން ސިއްޙީ ދާއިރާއަށް ވީ ހަމަ އިހުމާލެވެ. ބޭސް ސިޓީއަށް ސަލާން ޖެހުން ހުއްޓުނު ނަމަވެސް އާސަންދައަށް ސަލާން ޖެހުން ވަނީ ފެށިފައެވެ. އެކަން އެގޮތަށް ހިނގަނީ ސިއްހީ ދާއިރާއިން ފޭދިގެންދާ ފައިސާ ގިނަވީމައެވެ. ކުރަން ޖެހޭ ކަންތައް ބާއްވާފައި ކަޓު ނެގުމަށްޓަކައި އެހެން ކަންކަން ކުރާތީއެވެ. އެއީ ނޭނގިގެން ހިނގާ ކަންކަމެއް ނޫނެވެ.

