ރައްޔިތުންގެ ތާއީދާއިއެކު ވެރިކަމަށް ވަޑައިގެންނެވުމުން، ޚިދުމަތް ކުރައްވާނީ ވަރަށް ސާބިތު ކަމާއިއެކު ހާމަކަން ބޮޑުކޮށް ކަމަށާއި އަދި ވެފައިވާ ހުރިހާ ވައުދެއް ފުއްދައި ކުރައްވާނީ ރައްޔިތުން އެދޭފަދަ ވެރިކަމެއް ކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ވެވަޑައިގެންނެވި ވައުދުތަކާއި ކުރެއްވި ތަގުރީރުތައް ފޮތެއްގެ ސިފައިގައި ނެރުމާއި ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފްތިތާހުކުރަން ދަރުބާރުގޭގައި ރޭ ބޭއްވި ހަފުލާގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި، ސަރުކާރާ ހަވާލުވާ އެމަނިކުފާނުގެ ޓީމުން ކުރަން އުޅެނީ ގައުމީ ދީނީ އަދި ގައުމީ މަސައްކަތެއް ކަަމަށެވެ. އެ މަސައްކަތުގައި ސަރުކާރުގެ މަގާމު ތަކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުން އިހުލާސްތެރިވާން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ވައުދުތައް ފޮތެއްގެ ސިފައިގައި ނެރުނީ ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރައްވަން ކަމަށާއި ވައުދުތައް ފުއްދާ މިންވަރު ބަލަން ރައްޔިތުންނަށް ފަސޭހަކޮށްދެއްވަން ކަމަށެވެ. އެގޮތަށް ފޮތެއް ނެރުމަކީ ގޯސް ކަމެއް ކަމަށް ބައެއް ބޭފުޅުން ދެންނެވި ކަމަށް، ސަމާސާ ރާގެއްގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޖުމުލަ 900 ސޮފުހާ ހިމެނޭ ފޮތުގައި މުއިއްޒުގެ ވާހަކަފުޅުތަކުގެ އިތުރުން އެ މަނިކުފާނު ކެމްޕެއިންގައި ވަޑައިގެންނެވި ކޮންމެ ރަށަކާ ގުޅޭ ހަނދާނީ ފޮޓޯތަކާއި އެ ރަށާއި އަތޮޅާއި ގައުމަށް ވެވަޑައިގެންނެވި ވައުދުތައް ވަކިން ފެންނާނެހެން ވަނީ ހިމަނައިފައެވެ. މުއިއްޒު އެކި ކަންކަމާ ގުޅޭ ގޮތުން ގެންގުޅުއްވާ ތަސައްވުރު ވެސް ފޮތުގައި ވެއެވެ.
އިންތިހާބީ ރައީސް މުއިއްޒުގެ ކޮމިއުނިކޭޝަން އޮފީހުގެ ފަރާތުން މުހައްމަދު އިކްރާމް ރޭގެ ޖަލްސާގައި ވިދާޅުވީ 153 ރަށާއި ފަސް ސިޓީ އަށް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި 205 ފަހަރު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ރައީސެއްގެ ކެމްޕެއިންގައި ދެއްކެވި ހުރިހާ ވާހަކަފުޅެއް ހިމަނައިގެން ނެރުނު ފުރަތަމަ ފޮތް ވެސް މެއެވެ.

