ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މުހައްމަދު ޝަމްއާން މުހައްމަދު ވަހީދު މިއަދު އައްޔަންކުރައްވައިފި އެވެ.
އިމިގްރޭޝަނުގައި 14 އަހަރު މަސައްކަތްކުރެއްވި ޝައްމާން، އެ އިދާރާ އިން ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރަން ފެށުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.
އެކަމަކު މިދިޔަ އަހަރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އޭނާ ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، އަލުން ވަޒީފާ ރުޖޫއަކޮށްދިނުމަށް އަންގައިފަ އެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޝަމްއާން ވަނީ ކުރީގެ ސަރުކާރުން، އޭނާގެ ސްޓޫޑަންޓް ލޯނު ކެންސަލްކޮށް، މާސްޓާސް ޕްރޮގްރާމުން ކެނޑި އެނބުރި ގައުމަށް އައުމަށް މަޖުބޫރުކޮށް، އޭނާ އަނބުރާ އައުމުން، މަސައްކަތާ އެއްވެސް ގުޅުމެއް ނެތް އިދާރާއަކަށް ބަދަލުކުރި ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެންމެ ފަހުން އަދާކުރެއްވީ އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާ އެވެ.
އޭރު އޭނާގެ ވަޒީފާ ބަދަލުކުރީ ކޮވިޑްގެ މަސައްކަތްތައް ކުރުމަށް އުފެއްދި، އެޗްއީއޯސީ އަށެވެ. ގާނޫނާ ހިލާފަށް ވަޒީފާ އިން ވަކިކުރީ އޭރު އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނެވި މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ގެ ސީދާ އަމުރަކަށް ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.
ޝަމްއާން ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ވެސްޓާން ސިޑްނީ އިން ލޯ އެންފޯސްމެންޓް ދާއިރާއިން ޑިގްރީ ހާސިލު ކުރައްވައިފަ އެވެ.
ކޮންޓްރޯލާ ޖެނަރަލްގެ މަގާމަށް ޝަމްއާން އައްޔަންކުރެއްވިއިރު އެ މަގާމުގެ އިތުރުން ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވައި، އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ވަނީ ރައީސް ހަވާލުކުރައްވައިފަ އެވެ.

