ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާާކޮށް ކުރިއެރުވުމަށް ޚާއްޞަ ކައުންސިލެއް އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަސެކްރެޓަރީ މުޙައްމަދު ފިރުޒުލް ވިދާޅުވީ އައު ކައުންސިލެއްގެ ގޮތުގައި ވިޒިޓާ އިކޮނޮމީ ކައުންސިލު އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފައިވާ ކަމަށާއި އެއީ ފަތުރުވެރިކަމަށް ޚާއްޞަ ކައުންސިލެއް ކަމަށެވެ.
އަދި އެ ކައުންސިލު ޗެެއާކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ވެސް ވިދާޅުވިއެވެ.
“ ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ޚާއްޞަ ފޯކަސްއެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވޭ. އެ މަސައްކަތުގެ ތެރެއިން އެކަމަށް ހާއްސަ ފޯކަސްއެއް ދެއްވުމުގެ ގޮތުން އެކުލަވާލައްވާފައިވާ ކައުންސިލެއް ވިޒިޓާ އިކޮނޮމީ ކައުންސިލަކީ. މި ކައުންސިލުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ މުހިންމު އަނެއް ކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ޑައިވާސިފައި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން،“ އޭނާ ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ މިހާރު ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައިވަނީ ލެއިޝާ ފަތުރުވެރިކަމުގެ މައްޗަށް އެކަނި ކަމަށެވެ. އޭގެ އިތުރަށް ސިއްޙަތާ ބެހޭ ފަތުރުވެރިކަމާއި ތަޢުލީމާ ބެހޭ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ފަތުރުވެރިކަން ފަދަ އެކި ބާވަތްތަކުގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެ ކައުންސިލުން މަސައްކަތްތަކެއް ކުރަމުންގެންދާނެ ކަމަށެވެ. އަދި ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި، އާ ހަރުފަތަކަށް ގެންގޮސް، އެ ސިނާއަތް އިތުރަށް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެ ކައުންސިލުން އިސްކަމެއް ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެ ކައުންސިލުގެ އިތުރުން ކުރިން ވެސް އޮންނަ ސޯޝަލް ކައުންސިލާއި އިކޮނޮމިކް ކައުންސިލު ވެސް އުފެއްދެވިއިރު، އިކޮނޮމިކް ކައުންސިލް ޗެއާ ކުރައްވާނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.
އަދި ސޯޝަލް ކައުންސިލުގެ ޗެއާ އަކީ ޙުސައިން މުޙައްމަދު ލަޠީފެވެ

