ތިލަމާލެ ބްރިޖުގެ މަސައްކަތް އޮގަސްޓްމަހުގެ ނިޔަލަށް ނިންމާލުމަށް ބުނި ނަމަވެސް މިއަދާ ހަމައަށް ނިމިފައިވަނީ 27 ޕަސެންޓް މަސައްކަތް ކަމަށް އާ ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ އިންތިގާލީ ކޮމިޓީތަކުން އެކުލަވާލާފައިވާ ރިޕޯޓުން ދައްކާ ގޮތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތުން މިހާތަނަށް ނިމިފައި ވަނީ އެންމެ 27 ޕަސެންޓް މަަސައްކަތް ކަމަށާއި އެ މަސައްކަތް އެހާ ބޮޑަށް ލަސްވީ ކޮން މައްސަލައެއް ދިމާވެގެންތޯ ދެނެގަންނަން ޖެހޭ ކަމަށެވެ.
“އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަން މިޖެހޭ މަސައްކަތަކީ އެ މަސައްކަތުގެ ހާލަތު ދެނެގަތުން، ކޮން މައްސަލަތަކެއް ދިމާވެގެން، ކޮން ކަންތައްތަކެއް ދިމާވެގެންތޯ މި ހުރި ޗެލެންޖަސްތައް މިހުރީ ނުވަތަ މިހާ ބޮޑު ގެޕެއް ލަސްވުމެއް މިކަމުގައި މިއުޅެނީ،” ކުރީ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއާ ގުޅޭގޮތުން ފިރުޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި “ހަފްތާ 14” އެޖެންޑާގައި ވެސް އެ މަސައްކަތް ލަސްވާން ދިމާވި ސަބަބު ދެެނެގަތުމަށް ހިމަނައިފަ އެވެ. އިތުރު މަސައްކަތްތައް ކުރުމަށް މަގުޗާޓެއް އެކުލަވާލެވޭނީ އޭގެ ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ލޯނު އެހީގައި ތަރައްގީކުރާ ވިލަމާލެ ބްރިޖު މަޝްރޫއުއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ. އެ ބްރިޖުގެ މަސައްކަތް އަވަސްކުރަން ސަރުކާރުން ވަނީ މި އަހަރުގެ ކުރީކޮޅުގައި އިތުރު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ވެސް ނަގައިފަ އެވެ.

