ފަލަސްޠީނުގެ ޣައްޒާގައި ހުރި، އުމުރުން އެންމެ ހަގު ޙާފިޘް އުސާމާ، ޔަހޫދީން ޝަހީދުކޮށްލައިފިއެވެ.
އަލްޙާފިޘް އުސާމާ މުޙައްމަދު ޝަހީދުކޮށްލާފައި ވަނީ ނިރުބަވެރި ޔަހޫދީން އޭނާ ދިރިއުޅޭ ގެއަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއެއްގައެވެ.
އުސާމާ ވަނީ އުމުރުން އެންމެ 6 އަހަރުގައި ޤުރުއާން އެއްކޮށް ހިތުދަސްކޮށް ޣައްޒާގައި ހުރި އެންމެ އުމުރުން ހަގު ޙާފިޘްގެ ލަގަބު ހޯދައިފައެވެ.
އުސާމާ ޝަހީދުވެފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އޭނާގެ ޢާއިލާ ދިރިއުޅޭ ގެއަށް ބޮންއެޅުމުގެ ސަބަބުންނެވެ. ނިރުބަވެރިންގެ މި ޙަމަލާގައި އުސާމާގެ އިތުރުން އޭނާގެ ޢާއިލާގެ ހުރިހާ މެމްބަރުން ވަނީ ޝަހީދުވެފައެވެ.
ފަލަސްޠީނުގެ ބިމަށްވެރިވެ އެބިން ފޭރިގަނެގެން ތިބެ، އެތާނގެ އަހުލުވެރިން ޝަހީދު ކުރަމުން އެމީހުންގެ ނަޞްލު ނައްތާލުމަށް ނިރުބަވެރި ޔަހޫދީން ހިންގަމުންދާ ޤަތުލުއާންމުގައި އޮކްޓޫބަރު މަހުގެ 7 ން ފެށިގެން މިހާތަނަށް 13،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި ކަމަށް ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ޝަހީދުކޮށްލި މީހުންގެ ތެރޭގައި 5،500 މައުސޫމް ކުޑަކުދިން ހިމެނޭއިރު، 3،500 އަންހެނުން ވެސް ހިމެނެއެވެ.
ނިރުބަވެރިންގެ ޙަމަލާތަކުގައި 30،000 އަށްވުރެ ގިނަ މީހުންނަށް ބޮޑެތި ޒަޙަމްތައް ލިބިފައިވެއެވެ. އަދި ބޮންއަޅައި ހަލާކު ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި 6،000 އަށްވުރެ ގިނަ މީހުން ތިބިއިރު މިމީހުން ނެގޭނެ ގޮތެއްނެތި، ތިބީ މަރުވެފައި ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި ވެސް 4000 އަށްވުރެ ގިނަ ކުޑަކުދިންނާ އަންހެނުން ހިމެނެއެވެ.
ނިރުބަވެރިން ބޮންއަޅައި ޣައްޒާގެ 1330 ޢާއިލާއެއް އެއްކޮށް ވަނީ ޝަހީދުކޮށްލައިފައެވެ.
މީގެ އިތުރުން ޔަހޫދީން 83 މިސްކިތް ހަލާކުކޮށްލާފައި ވާއިރު، 201 ޑޮކްޓަރުންނާ ސިއްޚީ އެހީތެރިން އަދި 60 ނޫސްވެރިން ވަނީ ޝަހީދުކޮށްލައިފައެވެ.

