ޕީޕީއެމްގެ ލީޑާޝިޕަށާއި ސެނެޓަށް އެނގުމަކާ ނުލައި އަމިއްލަފުޅަށް ކޮމިޓީއެއް ނަންގަވައިގެން ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވި މައްސަލާގައި ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ޕީޕީއެމްގެ ހަރަކާތްތަކުން ސަސްޕެންޑުކޮށްފިއެވެ.
މަލީހު ސަސްޕެންޑުކުރައްވަން ނިންމަވައި ޕީޕީއެމްގެ ނައިބުރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޕީޕީއެމްގެ ސެނެޓަރެއްގެ މަޤާމުގައި ހުންނަވައި ޕާޓީ ބަދުނާމުކުރައްވައި ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް މަލީހު އިސްވެ ހުންނަވައިގެން ކުރައްވާކަން ޕާޓީގެ ލީޑާޝިޕުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން ޕާޓީގެ ލީޑާޝިޕާއި އެ ޕާޓީގެ ސެނެޓަށް އެނގުމެއް ނެތި، އަމިއްލަފުޅަށް ކޮމިޓީތައް އުފައްދަވައި، ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ނުވަތަ ޕާޓީގެ ސެނެޓާ މަޝްވަރާނުކުރައްވައި، ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި، ޕާޓީގެ އަސާސްތަކާ ޚިލާފަށް ޕާޓީ ބަދުނާމުކުރައްވައި ޕާޓީ ބައިބައިކުރެއްވުމުގެ މަސައްކަތްތަކެއް މަލީހު ކުރެއްވިކަމަށް ޝިޔާމުގެ ސިޓީގައި ވިދާޅުވިއެވެ.
އެހެންކަމުން އެ ސަބަބުތައް ފާހަގަވުމާ ގުޅިގެން ޕާޓީގެ ލީޑާޝިޕަށް ޕާޓީގެ އަސާސީ ޤަވާއިދުގެ 8 ވަނަ މާއްދާއިން ލިބިފައިވާ ބާރުތަކުގެ ދަށުން މަލީހު ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑުކޮށްފައިވާކަމަށް ޝިޔާމުގެ ސިޓީގައި އަންގަވާފައިވެއެވެ.
ޕާޓީގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް މަލީހު ސަސްޕެންޑުކުރުމާއެކު، އޭނާގެ މައްސަލަ ބެލުމަށް ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާ ކަމުގައިވެސް ޝިޔާމުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
"އަދި މިވަގުތުން ފެށިގެން ޕާޓީގެ ސުލޫކީ ކޮމިޓީން ގޮތެއް ނިންމަންދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި މަނިކުފާނު އެއްވެސް ގޮތަކަށް ބައިވެރިވެގެން ނުވާނެކަންވެސް އެންގިން،" ޝިޔާމު ސޮއިކުރައްވައި މަލީޙަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

