އިޒްރޭލުގެ އިސްތިއުމާރީ ދައުލަތަށް އެއްވެސް ބާވަތެއްގެ ހަތިޔާރު އެކްސްޕޯޓް ނުކުރުމަށް ސައޫދީ އަރަބިއްޔާ އިން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ގޮވާލައިފިއެވެ.
ބްރިކްސްގެ ޚާއްސަ މަހާސިންތާގައި އިއްޔެ ވާހަކަ ދައްކަވަމުން ސައޫދީ ބޮޑުވަޒީރު އަދި ވަލީ އަހުދު އަމީރް މުހައްމަދު ބިން ސަލްމާން ވިދާޅުވީ އިޒްރޭލާ އެކުގައި އަސްކަރީ ވިޔަފާރި ކުރުން ހުއްޓައިލަންޖެހޭ ކަމަށެވެ.
އިގްތިސާދީ ގޮތުން ކުރިއަރަމުން އަންނަ ފަސް ގައުމު ގުޅިގެން އުފައްދާފައި އޮންނަ ޖަމިއްޔާ، ބްރިކްސްގައި ހިމެނެނީ، ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޒަޚަމްވެފައިވާ މީހުންގެ އަދަދު 31500 އަށް ވުރެ މަތިވެފައިވާ އިރު، އޭގެ 75 އިންސައްތައަށް ވުރެ މަތީ ނިސްބަތެއް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ގެއްލިފައިވާ މީހުންގެ އަދަދު 6000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ކަމަށް ބެލެވެ އެވެ.

