(އަލްފާޟިލް އަބްދުއްރަޝީދު އަހްމަދު(ގުލްޒާރު)
“1967 ހާތަން ކަމަށް ހަނދާން ވެއެވެ.
ބައިސްކަލު ދުއްވުމުގެ މުބާރާތުގައި ބައިވެރިވުމަށްފަހު ކޮންމެ ރެއެއްގެ ފަތިހު ފަސް ގަޑި ތިރީހުން ފެށިގެން ހެނދުނު ހަޔެއް ޖަހަން ދެން ބައްތި ނުދިއްލައި ބައިސްކަލު ދުއްވުމުގެ ހުއްދަ ވަނީ ރޭހުގައި ބައިވެރިވާ މީހުންނަށް ދެއްވައިފައެވެ. އެހެންކަމުން ނުހަނު ފޯރިއާ އެކުގައި އަޅުގަނޑު ވެސް ކޮންމެ ރެޔަކު ވެސް ބައިސްކަލު ދުއްވަމެވެ. މި ފަރިތަކުރުމުގެ ތެރޭގައި ބައްތި ނުދިއްލައި ބައިސްކަލު ދުއްވޭތީ އަޅުގަނޑު ހުންނަނީ ވަރަށް ފޮނިވެލައިފައެވެ. އެއީ ފަތިސް ގަޑީގައި އަޅުގަނޑުމެން ބައިސްކަލު ދުއްވާތަން ބަލަން މީސްމީހުން ދޮރާށި ދޮށަށް ނުކުމެ ތިބޭތީއެވެ. ބައިސްކަލު ވެސް ހުންނަނީ މިކަމަށް ވަކިގޮތަކަށް ތައްޔާރު ކުރެވިފައެވެ.
މުބާރާތް ކައިރިވުމުން އަޅުގަނޑާ މުބާރާތުގައި ބައިވެރިވާ އެހެން މީހުންގެ ވެސް ފޯރި ދިޔައީ ގަދަވަމުންނެވެ. އަޗާކެނޑުމާއެކުއެވެ. ބައިސްކަލުތައް ވެސް ތައްޔާރުކޮށްފިއެވެ. ހަމައެފަދައިން ޓީސޯޓްގައި އެ މީހަކަށް ލިބިފައިވާ ނަންބަރު ވެސް ޖަހައިލައި ކޮންމެ މީހަކީ ވެސް މުބާރާތުން އެއްވަނަ މީހާކަމުގައި ހީކުރަމުންދެއެވެ.
އަޅުގަނޑުވެސް ބައިސްކަލަށް ގިރިސް އަޅައިލައި ބައިސްކަލުގެ ހަކަތަ ވަރުގަދަ ކޮށްލީމެވެ. އަޅުގަނޑުގެ ބައިސް ކަލުގެ ހުރިހާ ކަމެއް ކޮށްދިނީ މ.ލާމިގޭ ޢަބްދުލްޣަފޫރެވެ. ޣަފޫރަކީ އަބަދުވެސް އަޅުގަނޑާއި ބައިސްކަލުގެ މަރާމާތުގެ ކަންތައްތަކުގައި އުޅެމުން ދާ ރަހުމަތް ތެރިއެކެވެ. މުބާރާތް އޮތް ދުވަހުގެ ކުރީ ދުވަހުގެ ފަތިހު ޓެސްޓް ކޮލަން ބައިސްކަލު ދުއްވައިލީމެވެ. ބައިސްކަލު ފަސޭހަވުމާ އެކު އަޅުގަނޑު ވެސް ވަރަށް އުފާވިއެވެ. ކޮންމެޔަކަސް އަޅުގަނޑަށް މީހަކު އޮތީ ރަނގަޅު އެއްޗެއް ވެސް ދީފައެވެ. އެހެންވީމާ ބައިސްކަލު ރަނގަޅުވުމާ އެކު އަޅުގަނޑު ހުރީ އުފަލުން ދަތްތައް ދިލުވާލައިގެންނެވެ.
މުބާރާތް ފެށިއްޖެއެވެ. ހަތްގަޑި ތިރީސް ހާއިރު އަޅުގަނޑު ނުކުންނަން ޖެހޭ ބުރު ފެށިއްޖެއެވެ. މީހުންގެ ނަންތައް ގޮވަމުން ގޮސް އަޅުގަނޑުގެ ނަން ގޮވީމާ އަޅުގަނޑު ވެސް ހެންވޭރު ބޯޅަދަޑު ކައިރިން އިސްޓާޓުކުރާ ބަޑީގެ އަޑާ އެކު ބައިސް ކަލުދުއްވައި ލައިފީމެވެ. މާބޮޑަކަށް ނުވިސްނަމެވެ. އެއީ އަޅުގަނޑު އަތުގައި ރަނގަޅު އެއްޗެއް އޮތުމުންނެވެ. އަސްތާ އަޅުގަނޑަށް ބައިސްކަލު ދުއްވައިލެވުނުއިރު ބައެއް މީހުން ސޯސަން މަގަށް ލަނބައިލަނީއެވެ. ނަމަވެސް އަޅުގަނޑު އަތުގައި ކޮންމެވެސް ސީދިއެއް ދެއްވާފައި އޮތް ކަރުދާސްކޮޅެއް އޮތުމުން ހުރިހާ މީހުން ފަހަތަށް ޖައްސާލާފައި ކުރިޔަށް އެރޭނެކަމުގެ ޔަޤީންކަން އޮތުމުން ހާސްވާކަށް ނުޖެހޭތާއެވެ. ނަމަވެސް އެހެން މީހު ކުރިޔަށް ގޮސް ބޯޅަދަނޑަށް ރޭސް ނިންމާލިއިރު އަޅުގަނޑަށް ކިރިޔާ އާދެވުނީ އޮލިމްޕަހާ ހަމައަށެވެ. ވަރަށް ދެރަވެއްޖެއެވެ. އެއީ އެކިއެކި ރައްޓެހިން ކައިރީގައި ވެސް މި ފަހަރު ކޮންމެވެސް ވަނައެއް ލިބޭނެއޭ ބުނެ ފޮނިކެނޑިފައި އޮތުމުންނެވެ.
ރޭސް ނިމިގެން މީހުންނަށް ފިލައިގެން ކަހަލަ ގޮތަކުން ގެޔަށް އައިސް އަޅުގަނޑު އަތުގައި އޮތް ތަވީދު ބަލައިލިއިރު އަސްތާ މިއީ ހުސް ކަރުދާސް ކޮޅެކެވެ. މިއީ އަޅުގަނޑަށް މީހަކު ތަވީދެއްގެ ގޮތުގައި ދިން އެއްޗެކެވެ.
ނަމަވެސް މިއީ ހުސް ކަރުދާސްކޮޅަކަށް ވީތީ މިއިން ވާނީ ވެސް ކޮން މޮޅެއް ހެއްޔެވެ.”
** ** **
(މި ލިޔުން ނަގާފައި ވަނީ https://www.liyuntherin.org/ އިންނެވެ. ލިޔުމުގެ އަސްލަކަށް އެއްވެސް އުނިއިތުރުކަމެއް ގެނެސްފައެއް ނުވާނެއެވެ.)

