ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުން ނުކޮށް، ރާއްޖޭގެ ދެކުނަށް ޓޫރިސްޓުން ގެނެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފިއެވެ.
ވީއައިއޭ ބޭނުންނުކޮށް ޓޫރިސްޓުން ދެކުނަށް ގެނައުމުގެ މަސައްކަތުގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިހާރު ދަނީ ދެކުނުގެ އަތޮޅުތަކަށް ހާއްސަ ދަތުރުފުޅެއް ކުރައްވަމުންނެވެ. އެގޮތުން ހުވަދު އަތޮޅާއި އައްޑޫ އަދި ފުވައްމުލަކަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި ސިޓީ ކައުންސިލަރުންގެ މޭޔަރުންނާއި އަތޮޅު ކައުންސިލްގެ ރައީސުންނާއި ބައެއް މަޖިލީސް މެންބަރުންގެ އިތުރުން ރާއްޖޭގެ ބައެއް ޓުއާރ އޮޕަރޭޓަރުންނާއި ޓޫރިޒަމް ކުންފުނިތަކުގެ އިސްވެރިން އަދި ޓޫރިޒަމް ޖަމިއްޔާތަކުގެ މަންދޫބުންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
މިދަތުރުފުޅާ ބެހޭގޮތުން މިނިސްޓަރ މައުސޫމް ވިދާޅުވީ މިއީ ޓޫރިޒަމް އިންޑަސްޓްރީއިން އިސްނަގައިގެން ކުރައްވާ ދަތުރުފުޅެއް ކަމަށާއި މިދަތުރުގެ މައިގަނޑު މަޤްސަދަކީ ދެކުނުގައި ޤާއިމްވެފައިވާ ޓޫރިޒަމް ޕްރޮޕަޓީ ތަކުގައި ޓޫރިޒަމް ފުޅާ ކުރަން ހުރި ފުރުސަތުތައް ހޯދުން ކަމަށެވެ.
“ބޭނުމަކީ ސަދަން އަކީ އިންޑިޕެންޑެންޓް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ހިންގަން މަގުފަހި ކުރުން. ވީއައިއޭ ނުހިމަނައި ޓޫރިޒަމް ހިންގާނެ ގޮތެއް ހޯދުން. މިކަން ކުރުމަށް މި [އިންޑަސްޓްރީ]ގެ ބޭފުޅުން ވަރަށް ތަނަވަސް ހިޔާލު ފުޅުތަކެއް ގެންގުޅުއްވާ،” މައުސޫމް ވިދާޅުވި އެވެ.
މި ދަތުރާ ބެހޭ ގޮތުން ރިސޯޓްލައިންގެ ވެރިޔާ ޝާޒު ވަލީދު ވިދާޅުވީ އައްޑޫ އަދި ހުވަދޫގައި 3،000 އާއި 5،000 އާ ދެމެދުގެ އަދަދަކަށް އެނދު އެބަހުރި ކަމަށާ، ބޭނުންވަނީ ރަނގަޅު ޓްރާންސްޕޯޓް ވިއުގައެއްކަމަށެވެ.

