ސަރުކާރު ހިއްސާވާ 22 ކުންފުންޏަކަށް މެނޭޖިން ޑިރެކްޓަރުން (އެމްޑީން) އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ) އަށް ފޮނުއްވައިފި އެވެ.
މި މަހު 17 ގައި ހަވާލުވި އާ ސަރުކާރުން އަންނަނީ ދައުލަތުގެ އެކި ވުޒާރާތަކާއި ކުންފުނިތަކަށް ގާބިލު ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން އެ 22 ކުންފުންޏަށް އައްޔަންކުރަން ރައީސް މުއިއްޒު ފޮނުއްވި ނަންތައް ދިރާސާކޮށް، ރުހުން ދިނުމުގެ ކުރިން ހަދަން ޖެހޭ ސްކްރީނިންގެ މަރުހަލާ އާއި އިންޓަވިއު މިހާރު ކުރިއަށް ދާ ކަމަށް ޕީސީބީން ބުންޏެވެ.
މިހާރު ވެސް އެ ކުންފުނިތަކަށް ވެރިން އައްޔަންކުރުން ލަސްވެ، ހިންގުމަށް ބުރޫ އަރާފައިވާތީ ބީސީބީން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ސްކްރީނިން މަރުހަލާ ނިންމައި އެބޭފުޅުންނަށް ރުހުން ދިނުމަށެވެ.
ކުންފުނިތަކަށް އިސްވެރިން އައްޔަން ނުކުރެވި ލަސްވީ ޕީސީބީގެ ބައްދަލުވުންތައް ބޭއްވޭ ވަރަށް ބޯޑުގެ މެންބަރުން ހަމަނުވާތީ، އެ ބޯޑު ހުއްޓުމެއްގައި އޮތުމުންނެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ މިހާރު އެ ބޯޑަށް މެންބަރުން އައްޔަންކުރައްވާފަ އެވެ.
ސަރުކާރު ކުންފުނިތަކަށް އައްޔަންކުރައްވާ ބައެއް ބޭފުޅުން:
އެސްޓީއޯ – އެ ކުންފުނީގެ ބޯޑް މެންބަރު ޝިމާދު އިބްރާހިމް
ފެނަކަ – މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު
އާބަންކޯ – ފެލިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު މުހައްމަދު ފަޒުލް ރަޝީދު
އެމްއޭސީއެލް – ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު އިބްރާހިމް ޝަރީފް މުހައްމަދު
އެމްޕީއެލް – މުހައްމަދު ވަޖީހު އިބްރާހިމް
މޯލްޑިވްސް ގޭސް – އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ)
އާސަންދަ – ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)
އެމްޓީސީސީ – ޒިޔާދު ލަތީފު
އެފްއެސްއެމް – އިޝްމާއިލް ޝުހެއިލް
މިފްކޯ – ކުރީގެ ސިޓީ ކައުންސިލަރު އަހުމަދު ޝަމާހު ރަޝީދު
އެމްޑަބްލިއުއެސްސީ – އަބްދުލް މަތީނު މުހައްމަދު
ފަހި ދިރިއުޅުން ކޯޕަރޭޝަން – ހަމްދާން ޝަކީލް
ރީޖަނަލް އެއާޕޯޓްސް – ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީން
ވެމްކޯ – ސިޓީ ކައުންސިލްގެ އެސްޖީ މުޖުތަބާ ޖަލީލް
ޕީއެސްއެމް – ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ މެންބަރު ޒީނާ ޒާހިރު
އެމްއެމްޕީއާރުސީ – ކޮކޯ ކަލެކްޝަންގެ ޑިރެކްޓާ އޮފް ސޭލްސް އައިޝަތު ޝުހޭލާ
އާރުޑީސީ – ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު
ހައްޖު ކޯޕަރޭޝަން – ޕީޕީއެމްގެ ކުރީގެ އެސްޖީ މުހައްމަދު ޝަކީލް
ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން – އެންސީއޭގެ ކުރީގެ ވެރިޔާ އަހުމަދު ނާޒިމް (ހެރިސް އަންމަޑޭ)
ސްޓެލްކޯ – އެ ތަނުގެ ޖެނެރަލް މެނޭޖަރު ހުސެއިން ފަހުމީ

