ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް އިމިގްރޭޝަންގެ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށްދީ، ޒަމާނީ ވަސީލަތްތައް ބޭނުންކުރުމުގެ ގޮތުން ދިވެހިންނަށް، އީގޭޓްގެ ހިދުމަތް އަލުން ފަށައިފި އެވެ.
އަދި އިމިގްރޭޝަންއިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން "ސީމްލެސް ޓްރެވެލް" ގެ ޚިދުމަތް ފުޅާކުރުމަށް ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރާ ދިވެހިންނަށް "އިމުގާ ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު އުވާލައި، މިއަދުން ފެށިގެން ‘އީ-ގޭޓް’ގެ ޚިދުމަތް އަލުން ފެށުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ނިންމަވާފައެވެ.
‘އީ-ގޭޓް’ގެ ޚިދުމަތް މީގެ ކުރިން މެދުކެނޑިފައި އޮތީ ކޮވިޑް-19 ގެ ހާލަތާއެކުގައެވެ.
ނަމަވެސް، އަނެއްކާވެސް ދިވެހިންނަށް މި އޮޓޯ ގޭޓު ބޭނުންކޮށް އަމިއްލައަށް އިމިގްރޭޝަން ކްލިއަރެންސް ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ‘އީ-ގޭޓް، އަކީ ވަރަށް ފަސޭހަ އިރުޝާދުތަކާއެކު އިމިގްރޭޝަން ކްލިއަރެންސް އެމީހަކު އަމިއްލައަށް ހޯދުމަށް ބަހައްޓާފައިވާ ގޭޓުތަކެކެވެ.
އެގޮތުން، ފުރަތަމަ ބޯޑިން ޕާހުގައިވާ ބާކޯޑު ސްކޭނަރގައި ޖައްސާލާ ރީޑުކުރުމުން، ދެން ޕާސްޕޯޓުގެ ބަޔޯޑާޓާ ޕޭޖް ސްކޭނަރގައި ޖައްސާލުމަށްފަހު ރީޑްކޮށްލާނީއެވެ.
އަދި ޕާސްޕޯޓާއި ހަވާލުވި ވަގުތު ވެރިފިކޭޝަނަށް ނަގާފައިވާ އިނގިލި ފިންގަރޕްރިންޓް ރީޑަރުގައި ޖައްސާލުމުން ގޭޓު ހުޅުވޭނެއެވެ. ‘އީ-ގޭޓް’ގެ ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް އަދި ޑިޕާޗަރ ހޯލުގައިވެސް ބޭނުންކުރެވޭނެއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރާ އެންމެހާ ފަރާތްތަކަށް "ސީމްލެސް ޓްރެވެލް"ގެ ޚިދުމަތް ފުޅާކޮށް، ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމެވެ.

