ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ބައްދަލުކުރައްވައިފިއެވެ.
ރައީސް ޑރ މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތަށް ވަޑައިގެންނެވީ އިއްޔެ ހަވީރުއެވެ. މި ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާއި، ތުރުކީ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނާއި، ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، 30 ނޮވެމްބަރު 2023ގައި ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫ.އޭ.އީ)ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް-28) ގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައެވެ.

