ތުރުކީވިލާތުގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯދައިދެއްވަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ތުރުކީވިލާތުގެ ނޭޝަންސް ލައިބްރަރީގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ބޭނުންވާ ކަންތައްތަކާއި އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބައްލަވާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެގޮތުން، ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ވަނީ އެފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަމާއި، އެޤައުމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. އޭގެތެރޭގައި ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ސަބަބުން ދިމާވާ އުނދަގޫތައް ޙިއްޞާކުރެއްވިއެވެ.
މީގެ އިތުރުންވެސް އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރުމަށްޓަކައި އެ ޤައުމުގައި ތިބި ފަރާތްތައް، ޗުއްޓީގައި ދިވެހިރާއްޖެއަށް އަނބުރާ ދިއުމަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރެއްވިއެވެ. ހަމަ އެއާއެކު ތަމްރީނުގެ ފުރުޞަތުތަކާއި، ސްކޮލަރޝިޕް ފުރުޞަތުތައް ދިވެހިންނަށް އިތުރަށް ފަހިކޮށްދެއްވުމަށް ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިންވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ހުޅުވުމަށްކުރަންޖެހޭ މަސައްކަތްތައްކުރުމަށް މަޝްވަރާކުރައްވާނެކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑަށް
ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާކަމުގައި ވިދާޅުވެފައެވެ.
އަދި މި ސަރުކާރުން ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ފަސޭހަކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މީގެ އިތުރުންވެސް ސަރުކާރުގެ ފުރިހަމަ ސަޕޯޓް ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ލިބޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

