ގްރޭޓާމާލޭ ރީޖަންގެ ޕަވަރ ސެކިއުރިޓީ ކަށަވަރު ކުރުމަށްޓަކައި، ސިކްސްތް ޕަވަރ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ފެއްޓެވުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ނިންމަވައިފިއެވެ.
ފަހުމީ މިގޮތަށް ނިންމެވީ، މާލެ އަދި ހުޅުމާލޭގެ ޕަވަރ ޖެނެރޭޝަންގެ މަސައްކަތުގައި އުޅުއްވާ މުވައްޒަފުންނާއެކު ބޭއްވެވި ބައްދަލުވުންތަކެއްގައިއެވެ.
މި ބައްދަލުވުންތަކުގައި ކުންފުންޏަކީ ޓެކްނިކަލް ކުންފުންޏަކަށްވުމާއެކު، އެ މުވައްޒަފުންގެ ދައުރު ކުންފުނި ހިންގެވުމުގައި ފާހަގަ ކުރައްވައި، ވަނީ ޝުކުރު ދަންނަވާފައެވެ.
އަދި ކުންފުނި ހިންގެވުމުގައި ޓެކްނިކަލް މުވައްޒަފުންގެ ލަފަޔާއި އިރުޝާދު އަބަދުވެސް ހޯއްދަވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
ސ. ހިތަދޫ، އަސަރީގެ ފަހުމީ ސްޓެލްކޯއާ ގުޅިވަޑައިގަތީ 1998 ވަނަ އަހަރު އެވެ.

އޭނާ އެ ކުންފުންޏާ ގުޅިވަޑައިގަތީ އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ އިނގިރޭސި ވިލާތުން ކިޔަވާ ވަޑައިގެން އެ ކުންފުނީގެ އެކައުންޓިން ޑިޕާޓްމެންޓްގެ ގިނަ ވަޒީފާތަކެއް އަދާކުރެއްވި އެވެ.
ސްޓެލްކޯގައި 25 އަހަރު ހޭދަކުރައްވާފައިވާ ފަހުމީ މިއަދު ވިދާޅުވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް ހަމަޖައްސާފައިވާކަން ޕީސީބީން އަންގާފައިވާ ކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހުމަދު ޝަރީފެވެ.
ވެރިކަން ބަދަލުވުމާ ގުޅިގެން ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރަން އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ޕީސީބީ އަށް ފޮނުއްވަމުންނެވެ.

