ރާއްޖޭގެ 4 އަތޮޅެއްގައި ދިވެހި ޕާސްޕޯޓްގެ ހިދުމަތް ދެގުނަ އަވަސް ކުރުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަން އިން ފަށައިފި އެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، އިމިގްރޭޝަންގެ ޚިދުމަތްތައް ވެސް މިގޮތަށް ބައްޓަންކުރުމުގެ ގޮތުން ފަށާފައިވާ މަސައްކަތެކެވެ.

މިއަދު (03 ޑިސެންބަރު 2023) އިން ފެށިގެން، އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމުވެފައިވާ 4 އަތޮޅަކުން ދިވެހި ޕާސްޕޯޓު ދޫކުރުން ދެގުނައަށް އަވަސްކުރުމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ނިންމަވާފައެވެ.
އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމުކުރެވިފައިވާ، އައްޑޫ، ކުޅުދުއްފުށި، ފުވައްމުލައް އަދި ތިނަދޫ ސިޓީގެ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓު ދޫކުރުން މިހާރު ދެގުނަ އަވަސްވެގެން ދާނެއެވެ. އިމިގްރޭޝަން ރީޖަނަލް އޮފީސްތަކުގެ ތެރެއިން އައްޑޫ ސިޓީ އަށް މީގެކުރިން ޕާސްޕޯޓު ފޮނުވަމުން ދިއައީ ހަފްތާއަކު 2 ދުވަހުއެވެ.
ނަމަވެސް، މި ބަދަލާއެކު ދެން ކޮންމެ ހަފްތާއަކު 4 ދުވަހު އައްޑޫ ސިޓީއަށް ޕާސްޕޯޓު ފޮނުވޭނެއެވެ. މީގެއިތުރުން، ކުޅުދުއްފުށި، ފުވައްމުލައް އަދި ތިނަދޫ ސިޓީއަށް މީގެކުރިން ޕާސްޕޯޓުތައް ފޮނުވަމުން ދިއައީ ހަފްތާއަކު 1 ދުވަހުއެވެ. މި ބަދަލާއެކު، މިއިން ކޮންމެ އޮފީހަކަށް ވެސް ހަފްތާއަކު 2 ދުވަހު ޕާސްޕޯޓު ފޮނުވޭނެއެވެ.
ކޮންޓްރޯލަރ ޖެނެރަލްގެ މި ނިންމެވުމާއެކު، ރީޖަނަލް އޮފީސްތަކުން ޕާސްޕޯޓު ނެގުމަށް ޚިޔާރުކުރާ ފަރާތްތަކަށް ހަލުއިކަމާއެކު ޕާސްޕޯޓު ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
ދިވެހި ޕާސްޕޯޓަކީ ރައްޔިތުންނަށް ވީހާވެސް ފަސޭހައިން، ފުޅާދާއިރާއެއްގައި ފޯރުކޮށްދެވެން ޖެހޭ ޚިދުމަތަކަށްވާއިރު، މޯލްޑިވްސް އިމިގްރޭޝަންގެ އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ފުރުސަތު ތަނަވަސްކޮށްދީ، މި ޚިދުމަތް ކުރިއަށް އޮތްތަނުގައި އިތުރު އަތޮޅުތަކަށް ވެސް ފުޅާކުރުމެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ޝައްމާން އައްޔަން ކުރި ދުވަހުން ފެށިގެން ދިވެހިރައްޔިތުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން ގިނަ ހިދުމަތްތައް ވަނީ ފަށާފައެވެ.
ދިވެހިންނަށް އީގޭޓްގެ ހިދުމަތް އަލުން ފެށުމާއި، އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް އިމުގާ ފޯމް ފުރަން ނުޖެހޭ ގޮތަށް ވަނީ ހަދާފައެވެ.

