ފަހި ދިރިއުޅުން ކޯޕަރޭޝަން ( އެފްޑީސީ ) އިން އެކުންފުނިން ކުރާ ރަސްމީ ދަތުރު ތަކުގެ ތަފްސީލް ހާމަކުރައްވަން ނިންމަވައިފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ހުވަދޫއަށް ވިދާޅުވީ އެކުންފުނީގެ ރަސްމީ ހުރިހާ ދަތުރު ތަކުގެ ތަފްސީލް އެ ދަތުރެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި އެކުންފުނީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. އަދި އެ ދަތުރެއްގެ ބޭނުމާއި، ދަތުރަކުން ހާސިލްވި ކަންތައްތައް ވެސް ހާމަކުރާނެ ކަމަށެވެ.
ކުންފުނީގެ ރަސްމީ ހުރިހާ ދަތުރެއްގެ ހަރަދުތައް ހާމަކުރާނެ. އަދި ދަތުރު ކުރި ބޭނުމާއި، ދަތުރުން ހާސިލްވި ކަންތައްތައް ވެސް ވެބްސައިޓުން ފެންނަން ހުންނާނެ ހުންނާނެ – ހަމްދާން –
އިތުރަށް ވާހަކަ ދައްކަވަމުން ހަމްދާން ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ދަށުން ވިހާވެސް ބޮޑަށް ދެފުށް ފެންނަގޮތަށް ކުރެވޭ ކަމެއް ކަމަށެވެ. އަދި މިކަމަކި ހުދު އޭނާވެސް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމެއް ކަމަށެވެ.
ރައީސް އެ ނިންމެވި ނިންމެވުމަކީ އަޅުގަނޑުގެ ވެސް ވަރަށް ތާއީދު ކަމެއް. ހަމައެގޮތަށް މިކުންފުނިން ވެސް އަމަލު ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އަރުވަން
ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ރައީސް އޮފީހުން އެގޮތަށް ނިންމާފައިވާއިރު، ރައީސް މުއިއްޒު ތުރުކީވިލާތަށާއި ދުބާއީއަށް ކުރެއްވި ދަތުރުފުޅުގެ ހުރިހާ މައުލުމާތެއް ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ފޭދޫ ދާއިރާގެ މެމްބަރު، މުހައްމަދު ނިހާދު ވަނީ ހުށަހަޅާފައެވެ.
ރައިސްގެ އެ ނިންމެވުމާއި ގުޅިގެން އެފްޑީސީން މިއަދު ބުނީ، ރައީސް މުއިއްޒުގެ އިސްނެންގެވުމާއި އެއްގޮތަށް، ކޮންމެ ދަތުރެއް ނިންމާތާ 15 ދުވަހުގެ ތެރޭގައި އެފްޑީސީން ކުރާ ރަސްމީ ދަތުރުފަތުރުގެ ހަރަދުތައް ހާމަކުރާނެ ކަމަށެވެ.

