އަތޮޅު ތެރޭގެ ރައްޔިތުންނަށް ފެނާއި ކަރަންޓް އަދި ނަރުދަމާގެ ހިދުމަތް ދިނުމަށް ދައުލަތުން އުފައްދާފައިވާ ކުންފުނި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ( ފެނަކަ ) ގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ ފެތުރޭ އަޑުތަކާއި އަދި އެކަން އޮޅުވާލުމުގެ ނިޔަތުގައި ގާނޫނު ހަދާ މަޖިލީހަށް ކުއްލި މައްސަލައެއް ލުމާއި ގުޅިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމެއް މެދުވެރިވާތީ މިއީ ކިހާވަރެއްގެ ކަމެއްތޯ ބަލާލުމަށް އަވަސް ވެގަތީމެވެ.

ފެނަކަ އަށް ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ މީހެއްގެ ވަޒީފާ ޗިޓް
ދަންނަވަން ހެއްޔެވެ. ވަރަށް ކުރުކޮށް ބުނާނަމަ މީގެ 4 އަހަރު ކުރިން 15 މުވައްޒަފުން ލައިގެން ހިންގަމުން އައި އިންޖީނުގެތަކަށް މިހާރު 40 މުވައްޒަފުން ލައިގެންވެސް ވަނީ ހިނގާ ގޮތް ނުވެފައެވެ. އެއްވެސް އިންހައުސް ޕްރޮޖެކްޓެއް، ފެނާއި ނަރުދަމާގެ ހިދުމަތް ނެތް ރަށްރަށުގައި މިދެންނެވި މަގުން މީހުން ނަގާފައި އެބަހުއްޓެވެ. ބަޔަކަށް ވަޒީފާ ދިނުމުން އެކަމާއި ކަންބޮޑުވެ ބޮޑާ ވަނީކީ ނޫނެވެ. އެހެން ނަމަވެސް ހެދިފައިވާ އުސޫލުތަކާއި ހިލާފަށް ކަންކަން ކުރުމުން މިއަދު މިދިމާވާ ކަންކަން ދިމާވާން މެދުވެރިވާނެއެވެ.
ފެނަކައިން 1800 އެއްހާ މުވައްޒަފުން ވަކިކުރާތީ ފެތުރެމުންދާ އަޑަށް ނަޒަރު ހިންގައި ބަލާލިއިރު، ވެގެން މިއުޅޭ ގޮތަކީ ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް، ވޯޓު އިތުރުކުރުމުގެ ނިޔަތުގައި ނަމަވެސް، ނުވަތަ މަރުހަބާ ދެންނެވުމަށް ޖެޓީއަށް ދިއުމަށް ނަމަވެސް ގިނަ އަދަދަކަށް މީހުން ފެނަކައަށް ނަގާފައިވެއެވެ.
ނަގާފައިވަނީ ފެނަކަ ދާއިމީ މުވައްޒަފުންގެ ގޮތުގައެއް ނޫނެވެ. ނަގާފައިވަނީ ވަގުތީ މުވައްޒަފުންގެ ގޮތުގެވެސް ނޫނެވެ. ވަގުތީ މުވައްޒަފުންގެ ގޮތުގައި ނަގާފައި ތިބިނަމަ " ދާއިމީ " ކުރުމުގެ ކުޑަވެސް ފުރުސަތެއް އޮވެދާނެއެވެ. އެހެން ނަމަވެސް އިންތިހާބާއި ދިމާކޮށް މުވައްޒަފުން ނަގާފައިވަނީ " ކޮންޓްރެކްޓް " އުސޫލުން 03 މަސް ދުވަހަށެވެ.
މިއީ މުވައްޒަފުންގެ ނަމުގައި ވޯޓު ހޯދުމަށް ދީފައިވާ ބޮޑު އަނިޔާއެކެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅުގައި ވަގުތުގެ ބޭނުންކޮށް ނިކަމެތި ރައްޔިތުންނަށް އަނިޔާދިން މީހުންގެ މައްސަލަތައް ތަހުގީގޮށް ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދަނީ ގޮވަމުންނެވެ.
ގިނަ މީހުން ނަގާފައިވަނީ ނިމިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. އޭގެ މާނައަކީ މި މަހުގެ ނިޔަލަށް ނުވަތަ މިމަހުގެ ކޮންމެވެސް ދުވަހަކަށް ކޮންޓްރެކްޓް ތަކުގެ މުއްދަތް ހަމަވުމެވެ. ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުން ކުރާނެ މަސައްކަތެއް ނެތެވެ. އަދި ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް އޮންނަ އުސޫލުތަކެއް މިދެންނެވި މުވައްޒަފުންނަކަށް ނޯވެއެވެ. ފެނަކަ ކުންފުނީގެ މުވައްޒަފުން އޮފީހަށް ހާޒިރު ސޮއި ކުރުމަށް ބޭނުންކުރަނީ ފިންގާޕްރިންޓް މެށިނެވެ. ނަމަވެސް ކޮންޓްރެކްޓް މުވައްޒަފުން ޝީޓެއްގައި ސޮއި ކޮށްލަނީއެވެ.
ފެނަކަ ކޮންޓްރެކްޓް އުސޫލުން ވަޒީފާއަށް ނަގާފައިވާ މީހުންގެ ތަފްސީލް އިނގެނީ ހެޑް އޮފީހުގެ ޑިޕާޓްމަންޓަކަށް އެކަންޏެވެ. އަދި އަތޮޅުތެރޭގެ ރަށެއްގެ ބްރާންޗަކަށް މިދެންނެވި ތަފްސީލެއް ނޭގެއެވެ. ފެނަކަ ކޯޕަރޭޝަންގެ ބްރާންޗެއްގެ ވަޒީފާ އަދާކުރަމުންދާ " ސްޓޭޝަން މެނޭޖަރ " ހުވަދޫ އަށް ވިދާޅުވީ އެބްރާންޗުގައި ކޮންޓްރެކްޓް އުސޫލުން ވަޒީފާ ދީފައި ތިބި 40 މުވައްޒަފުން ތިބޭ ކަމަށެވެ. އެހެންނަމަވެސް ސޮއި ކުރުމަށް ފެންނަމުންދަނީ 10 މީހުން ކަމަށެވެ. ބާކީ ތިބި 20 މީހުންވެސް ކޮންމެ މަހަކު ބަރާބަރަށް މުސާރަ ނަގަމުންދާ ކަމަށެވެ.
އެހެންކަމުން މުވައްޒަފުން ވަކި ކުރަނީ ކަމަށްބުނެ ފިތުނަ އުފެއްދުމަކީ ރައްޔިތުންގެ ހިތްތަކަށް ނިކަމެތިކަން ގެނައުމަށް ދައްކާ ވާހަކަތަކެއް ކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ.

