ސިޔާސަތު ކަނޑައެޅުމުގެ މަރުހަލާގައި މިންތީގެ ހަމަހަމަކަމަށް ރިޢާޔަތްކުރުމަކީ އިޚްތިޔާރެއް ނޫން ކަމަށާއި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ “ޖެންޑާ ޑޭޓާ ޔޫސްއިން ޕޮލިސީ މޭކިން ވެލިޑޭޝަން އެންޑް އެޑްވޮކަސީ” ވޯކްޝޮޕް ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި ޕެރިސް 21 ގުޅިގެން ހިންގާ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ މި ސަރުކާރަކީ ހަމައެކަނި މިންތީގެ ހަމަހަމަކަމަށް މަސައްކަތް ކުރައްވާ ސަރުކާރެއް ނޫން ކަމަށާއި، ޤައުމީ ތަރައްޤީގެ ހުރިހާ ކަމެއްގައި ވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރެއްވުމަކީ އަމާޒެއް ކަމަށެވެ. އަދި އަންހެނުންގެ އިޤްތިޞާދީ ޙިއްޞާ އިތުރުކުރުމާއި، ސިޔާސީ އަދި ޢާންމު ދިރިއުޅުމުގައި ބައިވެރިވުން އިތުރުކުރުމަކީ އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ހަގީގަތުގައި ރާއްޖޭގެ ސިޔާސަތުތައް ބައްޓަން ކުރެވިފައި ވަނީ ޑާޓާއަށް ބަަލައިގެން ނޫން ކަމަށާއި ސިޔާސަތުތައް ބައްޓަން ކޮށްފައި ވަނީ ޖެހިފައިވާ ބޭނުންތަކަށް ބަލައިގެން ކަމަށެވެ. އެހެންނަމަވެސް ފައިދާ ހުރި ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރުމަށް ޑާޓާގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ފަރުމާ ކުރުމަކީ ކޮންމެހެން ކުރުން މުހިންމު ކަމެއް ކަމަށް ސާޖިދާ ވިދާޅުވި އެވެ.
މި ވޯކްޝޮޕްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި މިހާރު ، ލިބެންހުރި ޑޭޓާތައް ފުޅާ ދާއިރާއެއްގައި ދިރާސާކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ . އަދި ޑރ. މުއިއްޒުގެ އާ ސަރުކާރު ދެމި އޮންނާނީ ރައްޔިތުންގެ އެދުންތަކާ ގައުމުގެ ތަރައްގީ އެއްހަމަ ކުރުމަށް ކަމަށް އެކަމަނާ ވިދާޅުވި އެވެ. ސިޔާސަތުތަކާއި ގަވާއިދުތަކާއި ގާނޫނުތައް އެކުލަވާލާއިރު މި އުންމީދުތަކާ މެދު ވިސްނުމަށް ފަސްޓް ލޭޑީ ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.

