އީމާންކަމުގެ އަސާސްކަމަށްވާ އިސްލާމީ އަގީދާގެ މައްޗަށް ދަރިން ތަރުބިޔަތު ވެގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
“އިންސާނާގެ ހަޔާތުގައި ސައްހަ އަގީދާގެ މުހިންމުކަން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ޅަފަތުގައި ކުދިންނަށް ކިޔަވައި ދިނުމަށް މައިންބަފައިން ހިތްވަރާއެކު މަސައްކަތް ފަށާ ކަމަށެވެ. ގަޑިންގަޑިއަށް އެ ކުދިން ސްކޫލަށް ފޮނުވުމާއި ގުރުއާން ކިލާސްތަކަށް ގެންދިއުމުގެ ޒިންމާ ފުރިހަމައަށް އަދާކުރާ ކަމަށެވެ. ޓިއުޝަން ދިނުމަށް ބޮޑެތި އުޖޫރަ ދީގެން މުދައްރިސުން ގެއަށް ގެނެސް ނުވަތަ ޓިއުޝަން ކުލާސްތަކަށް އެ ކުދިން ފޮނުވާ ކަމަށްވެސް ހުތުބާގައި ބުންޏެވެ.
އެހެންނަމަވެސް މިހާރަކަށް އައިސް އެ ބުރަ މަސައްކަތާއި ބޮޑެތި ހަރަދުތައްކުރާ މައިންބަފައިންގެ ތެރެއިން ގިނަ ބައެއްގެ ފޮނި އުއްމީދުތައް އެންމެ އެދެވޭ ގޮތެއްގައި ހާސިލުވަމުން ނުދާ ކަމަށް ހުތުބާގައި ބުންޏެވެ.
ދުންޔަވީ ގޮތުން ބޭނުންވާ ގިނަ މާއްދާތައް ދަރިންނަށް ކިޔަވައި ދިނުމަށްޓަކައި އެކަމަށް ގާބިލު ބޭފުޅުން ސްކޫލުތަކަށް ގެންނައިރު، ދަރިންގެ ސިކުނޑިތައް ހުޅުވައިދިނުމަށްޓަކައި ތަފާތު އެކި ހަރަކާތްތައް ސްކޫލާއި ސްކޫލުން ބޭރުގައި ބާއްވާ ކަމަށެވެ.
ނަމަވެސް އެ ހުރިހާ ކަމެއްގެ ތެރެއިން ނުކުރެވޭ އެއް ކަމަކީ އެ ކުދިންނަށް އިސްލާމީ އަގީދާއާއި ގުޅޭ މައުލޫމާތު ފުރިހަމައަށް ފޯރުކޮށް ނުދެވުން ކަމަށާއި އެހެނީ އަގީދާއަކީ އީމާންކަމުގެ އަސާސަށްވާއިރު އެ އަސާސުގެ މައްޗަށް ދަރިން ތަރުބިޔަތު ވެގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، އިސްލާމީ ސައްހަ އަގީދާ ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެއް ކަމަށާއި އަގީދާ ސައްހަނުވެ އެއްވެސް އަމަލެއް ސައްހަ ނުވާނެ ކަމަށެވެ. އަދި ސައްހަ އަގީދާއަކާ ނުލައި ކުރާ އެއްވެސް އަމަލަކުން މަންފާއެއްވެސް ނުކުރާނެ ކަމަށާއި އެހެންކަމުން ދަރިވަރުންނަށް ސައްހަ އަގީދާގެ މައުލޫމާތު އުނގަންނައިދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ބުންޏެވެ.

