އައްޑޫސިޓީ އާއި ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑިފައިވާތީ އެމައްސަލަ ހައްލުކުރުމަށް މެދުނުކެނޑި ޓެކްނިކަލް ޓީމުން ދަނީ މަސައްކަތް ކުރަމުން ކަމަށާއި، މައްސަލަ ހައްލުކުރުމަށްފަހު މިރޭ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ފެނަކާ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީން ފެނުގެ ހިދުމަތް މެނދުކެނޑިފައިވަނީ ބަހައްޓާފައިވާ އާރުއޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވަށް ދިމާވި މައްސަލައަކާއި ގުޅިގެން މި މަހުގެ 7 ވަނަ ދުވަހުގައެވެ.
އެހާ ހިސާބުން އެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ވަނީ ފަށާފައެވެ.
މާލެއިން ގެންދެވުނު ވީއެފްޑީ ޑްރައިވް ހަރުކުރެވި، ކޮންޓްރޯލް ކޭބަލް ކޮންފިގަރޭޝަން އަދި ސިސްޓަމް ޕްރޮގްރާމިންގެ މަސައްކަތް ރޭ ކުރިއަށް ގެންގޮސްފައިވީ ނަމަވެސް، ފެން ނުލިބި ލަސްވަނީ ރޭ ގެންދިޔަ ވީއެފްޑީގައި ފޯލްޓެއް ހުރުމުން މަސައްކަތް ނުކުރާތީއެވެ.
އެކަން ޙައްލުކުރުމަށް އިތުރު ވީއެފްޑީ ޑިވައިސެއް މިއަދު 3:00 ގައި ފުވައްމުލަކަށް ދިއުމަށް ހަމަޖެހިފައިވާ ފްލައިޓުން ގެންދެވޭނެކަމަށް ފެނަކަ އެމްޑީ މުއާޒު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ޑިވައިސް ފޮނުވުމުގެ ކުރިން އިންޖިނިއަރުން ޓެސްޓުކޮށް، މަސައްކަތް ކުރާނެކަން ކަށަވަރުކޮށްފައިވާ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

