ސަރުކާރުގެ ވިސްނުންފުޅު ހުރީ މަސްވެރިކަން ވަރަށް ބޮޑަށް ކުރި އަރުވައި ތަރައްޤީ ކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަސްވެރީންގެ ގުންޒަރު ގައި މަސްވެރިކަމާ ގުޅޭ ގޮތުން، ރޭ ވާހަކަދެއްކެވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ރާއްޖޭގެ މަސްވެރިކަން ވަރަށް ކުރިއަށް ގެންދެވުމަށް ކަމަށާއި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަޙައްދަކަށް މަސްވެރިކަން ފުޅާކުރެއްވުމަކީ އެމަނިކުފާނު ވިސްނުން ފުޅެއް ކަމަށެވެ.

އަދި މަސްވެރިކަމުގެ ނަފާ އިތުރު ކުރުމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަސީލަތްތައް ގިނަ ކުރެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން މަސްވެރީންނަށް ނުދީ އެތައް ދުވަހެއް ވެފައިހުރި ފައިސާ، މި ސަރުކާރު ވެރިކަމާ ހަވާލުވެ މިވީ 3 ހަފުތާގެ ތެރޭގައި ދެއްވަން ފައްޓަވައިފިކަން ފާހަގަ ކުރައްވައި ރޭ ގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިހާރު މަސްވެރީންނަށް ނުދެވި ހުރީ 140 މިލިއަނެއްހައި ރުފިޔާ ކަމަށެވެ.
އަދި މި ފައިސާވެސް ވީ އެންމެ އަވަހަކަށް މަސްވެެރީންނަށް ދޫކުރެއްވުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

