މަސްތުވާ ތަކެއްޗާއި ދެކޮޅަށް ހަރަކާތްތެރިވާ އެންޖީއޯ އެއް ކަމަށްވާ "ގިރިންދާ" އިން އިސް ނަގައިގެން ތިނަދޫ ޑިޓޮކްސް ސެންޓަރާ ގުޅިގެން ހުވަދު އަތޮޅުގައި ފަށާފައިވާ އައުޓްރީޗް ދަތުރު ތަކުގެ ތެރެއިން އެންމެ ފަހުން ދަތުރު ކުރީ ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ އަށެވެ. މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އެ ރަށުގައި ތިބެ ގިރިންދާ ޓީމުން ވަނީ މި ޕްރޮގްރާމް ގައި އެހެން ރަށް ތަކަށް ވެސް ކުރި ޒިޔާރަތުގައި ކުރި މަސައްކަތްތައް ކޮއްފައެވެ.

ގިރިންދާ އައުޓްރީޗް ދަތުރުގައި،ގދ ފިޔޯރީ ގައި ކުރިޔަށް ގެންދިޔަ ހަރަކާތްތައް: ހުވަދޫ ފޮޓޯ އަޚްތަރު
"ހުވަދޫ މީޑިއާ" ދަތުރުގައި ބައިވެރި ކޮށް ކުރިޔަށް ގެންދިޔަ 2 ދުވަހުގެ ހަރަކާތްތަކުގައި ފުރަތަމަ ކުރިޔަށް ގެންދިޔައީ ރަށުގެ އިސް ވެރިންނާއި ބައެއް ބެލެނިވެރިން އަދި އާންމު މީހުންނާއި އެކު ކުރިޔަށް ގެންދިޔަ ބައްދަލުވުމެވެ.

ގިރިންދާ އައުޓްރީޗް ދަތުރުގައި،ގދ ފިޔޯރީ ގައި ކުރިޔަށް ގެންދިޔަ ހަރަކާތްތައް: ހުވަދޫ ފޮޓޯ އަޚްތަރު
ފިޔޯރީ ރައީސް ފައިޒަރު ރަޝީދު ވެސް ބައިވެރިވެލެއްވި މި ބައްދަލުވުމުގައި ޑިޓޮކްސް އާއި ގިރިންދާ ގެ މަގުސަދު ވަރަށް ރަނގަޅަށް ކިޔައި ދެވުނެވެ. މިގާތަނަށް ހާސިލު ކުރެވިފައިވާ ނަތީޖާ އާއި މަސްތުން ސާފު މުޖުތަމަޢުއެއް ބިނާކުރުމަށް އެކި ރަށްރަށުގައި ކުރާ މަސައްކަތް ތަކާ ނަތީޖާ ޙއްސާ ކުރިއެވެ.
ބުރާސްފަތި ދުވަހު ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި ބައިވެރިވި އެންމެން ވަނީ އެކަމުގައި ގިރިންދާ ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ނިންމާފައެވެ.

ގިރިންދާ އައުޓްރީޗް ދަތުރުގައި،ގދ ފިޔޯރީ ގައި ކުރިޔަށް ގެންދިޔަ ހަރަކާތްތައް: ހުވަދޫ ފޮޓޯ އަޚްތަރު
ފިޔޯރީ ކައުންސިލް ،އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ، ފިޔޯރީ ޕޮލިސް އަދި އެހެނިހެން އިދާރާ ތަކާއި ކޮމިއުނިޓީ ގްރޫޕް ގެ ބޮޑު އެއްބާރުލުން ލިބިގެން ކުރިޔަށް ގެންދިޔަ މި ޒިޔާރަތުގައި ރަށުގައި ދިރިއުޅޭ އަދި މަސްތުވާ ތަކެއްޗާ ގުޅުން ހުރި ގިނަ ފަރާތްތަކާ ބައްދަލުކޮށް ވާހަކަ ދެކެވިފައިވާއިރު ބައެއް ގެތަކަށް ޒިޔާރަތް ކޮށް ސީދާ ބެލެނިވެރިންނާ ވާހަކަ ދެކެވުނެވެ. އަދި އެ ރަށުގައި މަސްތުވާ ތަކެތި ބޭނުންކުރާ މަދު ކުދިން ގެ ތެރެއިން އެ ކަމުން ސާފުވެ އަލުން އެނބުރި މުޖުތަމަޢުއަށް އަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ތިނަދޫ ޑިޓޮކްސް ސެންޓަރުން ވަނީ މަގު ފަހި ކޮށްދީފައެވެ.
ތިނަދޫ ޑިޓޮކްސް ސެންޓަރުގެ ބައެއް ބޭފުޅުންނާ ގިރިންދާ އިސް ބައެއް ބޭފުޅުން ބައިވެރިވެ ފިޔޯރީ ގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކައް ބަލާއިރު ހުކުރު ދުވަހުގެ ހަވީރު ކައުންސިލް އިދާރާ ގައި ކުރިޔަށް ގެންދިޔަ ވަރކްޝޮޕް ފާހަގަ ކުރެވެއެވެ. އެ ސެޝަން ތަކުގެ ބައިވެރިން ވަނީ ވަރަށް ބޮޑު ޝައުގުވެރިކަމެއް ދީފައެވެ.
ގިރިންދާ ގެ ފިޔޯރީ ދަތުރުގައި ހުވަދޫ މީޑިއާ އިން ކުރި ތަޖުރިބާ
ހަފްތާ ބަނދުގައި ގިރިންދާ ޖަމްޢިއްޔާ އާއި ތިނަދޫ ޑިޓޮކްސް ސެންޓަރު ގުޅިގެން ގދ ފިޔޯރީ އަށް ކުރި 2 ދުވަހުގެ ދަތުރުގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނީ 2 ކަމެކެވެ. ފުރަތަމަ ކަމަކީ އެރަށުގެ ރައްޔިތުން ދިން އެއްބާރުލުމެވެ.

ގިރިންދާ އައުޓްރީޗް ދަތުރު ގައި،ގދ ފިޔޯރީ ގައި ކުރިޔަށް ގެންދިޔަ ހަރަކާތްތައް: ހުވަދޫ ފޮޓޯ އަޚްތަރު
ދެވަނަ ކަމަކީ ގިރިންދާ ޓީމުގެ ކެތްތެރިކަމެވެ. އިޖުމާލީކޮށް ދަންނަވާނަމަ ދެންނެވޭނީ މަސްތުން ސާފު މުޖުތަމަޢުއެއް ބިނާކުރުމަށް ދެފަރާތުން ދެއްކި ރޫޙާއި ހިއްވަރެވެ.
މަސްތުގެ ޙާލުތުގައި ތިބި މީހުންނާއި އެކަމުން ސަލާމަތް ވާން ބޭނުންވި މީހުންނާއި އެމީހުންގެ ބެލެނިވެރިން ނުވަތަ މައިންބަފައިންނާ ބައްދަލު ކޮށް ކެތްތެރިކަން އިސްކޮށް ދެއްކި ވާހަކަތަކެވެ. މުޅި ދަތުރުގައި އެއްވެސް ވަޤުތެއް ބޭކާރު ނުކޮށް ކުރި ބުރަ މަސައްކަތުން ފާހަގަ ކުރެވެނީ ޤައުމީ ލެވެލް ގައި ކުރި މަސައްކަތެއްގެ ގޮތުގައެވެ.

ގިރިންދާ އައުޓްރީޗް ދަތުރުގައި،ގދ ފިޔޯރީ ގައި ކުރިޔަށް ގެންދިޔަ ހަރަކާތްތައް: ހުވަދޫ ފޮޓޯ އަޚްތަރު
ގިރިންދާ ގެ ދަތުރުގައި އެންމެ ބޮޑަށް ފާހަގަ ވި އެއްކަމަކީ އެރަށުގެ ރައްޔިތުން ގެ ހިތުގައި އުފެދިގެން ދިޔަ އުންމީދުގެ ޝުޢޫރެވެ. ދަތުރުގެ ބައިވެރިން ކުރި މަސައްކަތުގެ ޝުކުރެވެ. ރަށު ތެރޭގައި ގިރިންދާ ޓީމު ހަރަކާތްތެރި ވަމުން ދިޔައިރު ހުވަދޫ މީޑިއާ ގެ ފަރާތުން އާންމު ރައްޔިތުންނައި ދެތިން ސުވާލެއް ކުރެވުނެވެ. ޖަވާބުގައި އެންމެން ވެސް ބުނީ ގިރިންދާ އިން އެ ކުރަނީ ޤައުމީ ކަމެއް ކަމަށާއި އެއީ ވަރަށް ހިއްވަރު ގަދަ ބައެއް ކަމަށާއި ރަށު އެންމެން ވެސް މިތިބީ އެމީހުން އާއި އަތާ އަތްގުޅާ ކުރިޔަށް ގޮސް ކާމިޔާބު ގެ މަންޒިލް ހޯދަން ކަމަށެވެ.

