ކުރީގެ ސަރުކާރުން އައިސްޕްލާންޓްތައް ފެނަކަ އާއި ހަވާލުކޮށްގެން ހިންގި ނަމަވެސް މެއިންޓަނަންސް ނުކޮށް ހުރުމުގެ ސަބަބުން ގިނަ ޕްލާންޓްތައް ހުރީ ވީރާނާ ވެފައިކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ކުރިން މިފްކޯގެ ބެލުމުގެ ދަށުގައިވާ އައިސް ޕްލާންޓްތައް ފެނަކައާއި ހަވާލު ކުރީ ކުރީގެ ސަރުކާރުންނެވެ. ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެދަށަށް އައިސްޕްލާންޓްތައް ގެނައި ފަހުން ކޮންމެވެސް ވަރަކަށް މެއިންޓަނަންސް ބަލަހައްޓައި އޮޕަރޭޝަނަށް ގެނެވުނު ނަމަވެސް ދެމެހެއްޓެނިވި ގޮތުގައި އެ މަސައްކަތް ކުރެވޭ ގޮތެއް ނުވެއެވެ.
އައިސް ޕްލާންޓްތައް ފެނަކައާއި ހަވާލު ކޮށްފައި ވަނީ ހަމަޖެހޭ އުސޫލުން ނޫން ކަމަށާއި، މާކެޓް އަގަށްވުރެ މާކުޑަކޮށް އައިސް ޕްލާންޓްތައް ދީފައި ހުރުމުން ކުންފުންޏަށް އެވަރުގެ ބުރައެއް އުފުލަން ދަތިވަނީ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ހުވަދޫ އަށް ވިދާޅުވިއެވެ.
ސަރުކާރުން އައިސްޕްލާންޓްތައް ފެނަކަ އާއި ހަވާލުކޮށްފައި ހުރީ ފީސިބަލް އަގެއްގައިއެއް ނޫން. މިސާލަކަށް މާކެޓުގައި މިހާރު ހުރިވަރުގެ އައިސް ޕްލާންޓްތައް މިހުންނަނީ 10 މިލިއަން ރުފިޔާގައި. އެކަމަކު ފެނަކައަށް އައިސް ޕްލާންޓްތައް ދީފައި މިހުރީ 4.5 މިލިއަން ރުފިޔާ އަށް. މިވަރުން ހިންގަންވީމަ ކުރިއަށް ދާން އުނދަގޫ ވަނީ- މުއާޒް
އިތުރަށް ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް ވައުދަކީ މަސްވެރިކަމަށް ދޭ އަހަމިއްޔަތު ކަމަށާއި، އެހެން ކަމުން މަސްވެރިކަމާއި ގުޅުންހުރި ކަންކަން ފެނަކައި ހާއްސަ ސަމާލުކަމެއްދީގެން ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ރަށްރަށުގައި ގާއިމް ކުރެވިފައިވާ އައިސްޕްލާންޓްތައް ވިހާވެސް އަވަހަށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ.
މިހާރުވެސް މިދަނީ ވަރަށް ގާތުން ބަލަމުން. ދިމާވެފައިހުރި މައްސަލަތައް ދެނެގަނެ އެންމެއަވަހަށް އޮޕަރޭޝަނަށް ގެނެވޭނީ ކޮންގޮތަކުން ތޯ ބަލަމުން މިދަނީ. މަސްވެރިންނަށް ދޭނެ ޔަގީން ކަމަކީ ވީހާވެސް އަވަހަށް ޕްލާންޓްތަކުގެ މައްސަލަ ހައްލު ކުރާނެކަން
އައިސްޕްލާންޓް ތަކުގެ ހާލަތު ބެލުމަށް ހުވަދޫއިން ކުރި މަސައްކަތުން އެނގުނު ގޮތުގައި ހުވަދު އަތޮޅުގައި ކޫއްޑޫ ފިޔަވައި ގިނަ އައިސް ޕްލާންޓްތައް ވަނީ މައްސަލަ ޖެހިފައެވެ. މިދުވަސްވަރު މަސްވެރިކަން ރަނގަޅުވެ، އައިސް ނުލިބުމުގެ ދަތިކަން ދަނީ ކުރިމަތިވަމުންނެވެ.

