ރާއްޖޭގައި ބާނާ މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުގައި މަތީ އަގު ހޯދުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް ހާއްސަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ އެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް އެ ބްރޭންޑް ބޭރު ގައުމުތަކުގައި އިސްތިހާރުކޮށް މާކެޓް ކުރެވިގެންދާނެ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމުކުރެއްވުމަށް ނިންމަވައި، އެކަން އިއުލާން ކުރައްވުމަށް ފަހު ދެކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމުކުރައްވާ ފިޝަރީޒް ކޮލެޖް ގާއިމުކުރައްވާނީ ގައުމީ ޔުނިވަރސިޓީއާ ގުޅިގެން ކަމަށާއި އެކަމުގެ އިދާރީ މަސައްކަތް ސަރުކާރުގެ ހަފުތާ 14ގެ ތެރޭގައި ހިނގަމުންދާ ކަމަށެވެ.
އޭގެ އިތުރުން މަސްވެރިކަންކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު “ރެސްކިއު ޑައިވަރު” ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނަށް ހާއްސަ އިސްކަމެއް ދެއްވާފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ރައީސް ގެ ކެބިނެޓްގެ ފުރަތަމަ ކަރުދާސް ގެ ގޮތުގައި ހުށަހެޅުއްވީ ވެސް މަސްވެރިކަން ކުރިއެރުވުމުގެ ކަރުދާހެވެ

