ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ އާއި ހައިސިއްޔަތު ދޭން މުއައްސަސާތަކަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މިގޮތަށް ނިންމާފައި ވަނީ ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ގދ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ ކަން އިއުލާންކުރި ނަމަވެސް އެ ކައުންސިލްގެ ހައިސިއްޔަތާ މެދު އެ ކައުންސިލުން އުފެއްދި ސުވާލުތައް ސާފުކޮށްދިނުމުގެ ގޮތުންނެވެ.
ލާމަރުކަޒީ ކޮމިޓީން ނިންމީ ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވެފައިވާ ކަމަށް ކޮމިޓީ އަށް ފެންނަ ކަމަށާއި ސިޓީގެ ދަރަޖަ ލިބުނީ ކައުންސިލް ގެ ދައުރުގެ މެދުތެރެއިން ކަމަށް ވިޔަސް ދައުރު ހަމަވަންދެން އެއީ ސިޓީ ކައުންސިލެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށެވެ.
ކޮމިޓީ އަށް ފާހަގަ ކުރި ބައެއް ކަންކަން:
1. ރަށު ކައުންސިލް ދައުރުގެ މެދު ތެރެއިން ސިޓީއެއްގެ ދަރަޖަ ލިބިއްޖެ ނަމަ އެ ކައުންސިލްގެ ހައިސިއްޔަތު ސިޓީއެއްގެ ދަރަޖަ އަށް ބަދަލުވާނެ.
2. ރަށު ކައުންސިލުން ދައުރު ހަމަވަންދެން އެ ސިޓީ ކައުންސިލް ހިންގަން ޖެހޭނެ.
3. ކައުންސިލާ މުހާތަބު ކުރާނީ ސިޓީއެއް ގޮތުގައި.
4. އިތުރު އިންތިހާބަކާ ނުލައި ކައުންސިލްގެ ރައީސްގެ ހައިސިއްޔަތު މޭޔަރު ކަމަށް ބަދަލުވާނެ.
4. ރަށު ކައުންސިލު އުވި ސިޓީ ކައުންސިލަށް ލިބޭ ހުރިހާ ބާރުތަކެއް އެ ކައުންސިލަށް ލިބުން.
5. ސިޓީއެއް ގޮތުގައި ހިދުމަތް ދިނުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމަކީ ދައުލަތުގެ މުއައްސަސާތަކަށް ލާޒިމް ކަމެއް.
ތިނަދޫ ކައުންސިލުން ވަނީ އެކި އިދާރާތަކުން އެ ކައުންސިލަށް އެކި ގޮތްގޮތަށް އެޑްރެސް ކުރާ މައްސަލަ އާއި ބަޖެޓާއި މެންބަރުންގެ މުސާރައިގެ އިތުރުން ބައެއް ހިދުމަތްތައް ދިނުމުގައި އޮޅުން އަރާ މައްސަލަތައް ކޮމިޓީ އަށް ހިއްސާ ކޮށްފަ އެވެ.

