އެމްބެސެޑަރު ބްރޭންޑްގެ ގޯލްޑްވިޕިން އެންޑް ކުކިންގެ އުފެއްދުންތައް ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިބްރޭންޑްގެ ވެޖެޓަބަލް ކްރީމްއަކީ އެ ބްރޭންޑްގެ ގޯލްޑް ވިޕިން އެންޑް ކުކިންގް ކްރީމްގެ ނަންބަރު L21090 ލޮޓުގެ އުފެއްދުމެއް ކަމަށާއި އޭގައި “އެތިލީން އޮކްސައިޑް” ހިމެނޭކަމަށެވެ. އަދި އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން އެމްބެސެޑަރު ބްރޭންޑްގެ ވެޖިޓަބަލް ކްރީމް އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި ބޭނުން ނުކުރުމަށް މީގެ ކުރިންވެސް އެމްއެފްޑީއޭ ވަނީ އިލްތިމާސް ކޮށްފައެވެ.
އެތިލީން އޮކްސައިޑްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ބާރުދެރަކޮށްލާ ކެންސަރުޖެހުމަށް މަގުފަހިވުމުގެ އިތުރުން ކާއެއްޗެހި ގިނަދުވަހު ހަލާކުނުވެ ބެހެއްޓުމަށް ބޭނުންކުރާ ބާވަތެކެވެ. މިއީ ގަސްތަކުގައި އަޅާ ފަނިފަކްސަ ކަހަލަ ސޫފިތަކުން ސަލާމަތްވުމަށް ގަސްތަކަށް ޖަހަން ބޭނުންކުރާ ގޭހެކެވެ.
މިހާރަކަށް އައިސް ރާއްޖެ އެތެރެ ކުރާ ގިނަ އުފެއްދުންތަކުގައި ހަށިގަނޑަށް ގެއްލުން ލިބޭ މާއްދާތައް ހިމެނިފައިވާތީ އެމްއެފްޑީއޭއިން ދަނީ ރާއްޖެ އެތެރެކުރާ ގިނަ ބާވަތްތަކުގެ ތަހުލީލުކުރަމުންނެވެ.

