ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ 2024 ޖަނަވަރީ 20 އަށް ލަސްކޮށްފި އެވެ.
އެކޯލިޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި 2024ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށްޓަކައި 2023 ޑިސެންބަރު 23 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީ ބާއްވާ ތާރީޚް 2024 ޖަނަވަރީ 20 ވާ ހޮނިހިރު ދުވަހަށް ފަސް ކުރެވިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީ ބާއްވާ ތާރީޚް 2024 ޖަނަވަރީ 20 ވާ ހޮނިހިރު ދުވަހަށް ފަސްކޮށްފައިވަނީ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ތާރީޚަކީ ސްކޫލް ބަންދު ދުވަސްވަރަށްވެފައި، ގިނަ ޢަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، ޢުމްރާއަށް ޤައުމުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާތީ، ކަމަށާއި އަދި ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުންނާއި ކޯލިޝަންގެ ޢާންމު މެންބަރުންގެ އެދުމުގެ މަތިން ކަމަށެވެ.
އެހެންކަމުން، 2024 ޖަނަވަރީ 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާކަން ބެލުމަށްފަހު، ކެންޑިޑޭޓުން ތަރުތީބު ކުރެވިފައިވާ ގޮތާއި ކެންޑިޑޭޓުންގެ ނަންތައް ކުރިއަށް އޮތް ހަފްތާ ތެރޭގައި ޢާންމު ކުރެވޭނެކަމަށް އެކޯލިޝަނުން ބުނެފައި ވެއެވެ.
. އަދި، ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުތުވެސް ޢާންމުކޮށް އިޢުލާނު ކުރާނެކަމަށް ކޯލިޝަން ބުނެއެވެ.
ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ ގައި ވާދަކުރުމަށް 300 އަށްވުރެ ގިނަބޭފުޅުން ފޯމް ހުށައަޅާފައިވެއެވެ.

