ކަރަންފޫ ބޭނުން ކޮށްގެން ބަރުދަން ލުއި ކުރެވިދާނެއޭ ބުނީމަ ހައިރާން ނުވާށެވެ. މިއީ އެހާ އުނދަގޫ އަދި ގަބޫލު ނުކުރެވޭހާ އަޖައިބު ކުރުވަނިވި ކަމެއް ނޫނެވެ.
ކަރަންފުލަކީ ދިވެހިންގެ ކޮންމެ ބަދިގެއަކުން ވެސް ފަސޭހައިން ލިބެން ހުންނަ އާންމު އެއްޗެކެވެ. ދިވެހިންގެ ބަދިގެތަކަށްވުރެ ފަސޭހައިން ލިބެން ހުންނަ އަނެއްތަނަކީ ގޭ މޭޒުމަތީގައި ހުންނަ ދުފާތަބަކެވެ. ތަބަކެއް ނެތްނަމަ ކޮންމެވެސް އެެހެން އެއްޗެއްގައިވިޔަސް ދިވެހިންނަށް ކަރަންފޫ ލިބުން ވަރަށް ފަސޭހައެވެ.
ތަފާތު ރަހައާއި ވަހުގެ ސަބަބުން ގިނަ ކާތަކެތި ރެސިޕީތަކުގައިވެސް ކަރަންފޫ ބޭނުންކުރެއެވެ. ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް މި ސްޕައިސް ބޭނުންކުރި ނަމަވެސް ބަރުދަން ލުއިކުރުން ފަދަ ހައިރާންކުރުވަނިވި ފައިދާތައް މިއީ އާންމުކޮށް މީހުންނަށް އެނގޭ، އަދި އެވާހަކަ ދެކެވޭ މައުޟޫއެއް ނޫނެވެ. ކަރަންފުލުން އެތައް ބޭނުމެއް ހިފޭއިރު ކާތަކެތީގެ ރަހަ ހެޔޮވަރު ކުރުމާއި "މަސާލާ"ސައި ތައްޔާރުކުރުމަށް ކަރަންފޫ ބޭނުން ކުރެއެވެ. އާންމުކޮށް ވިހައިގެން އުޅޭ އަންހެނުންގެ ބަނޑުބޭސް، އަދި އެނޫންވެސް ފަހަރުތަކުގައި ބޭނުން ކުރަން ހިލިބޭސް ތައްޔާރުކުރުމަށްވެސް ކަރަންފޫ ވަރަށް މުހިންމެވެ. އަދި ގޭތެރޭގައި މަދިރިފަދަ ސޫފިތައް ނައްތާލުމަށް ލުނބޯފަޅިއަކާއެކު ބޭނުން ކުރެވެއެވެ.
އެހެންނަމަވެސް ބަރުދަން ލުއި ކުރުމަށް މި "އެރޯމެޓިކް ސްޕައިސް" އެހީވެއޭ ބުނުމުން ހައިރާންވުން ގާތެވެ. ނަމަވެސް މިއީ އެހާބޮޑަށް އަޖައިބުވާންވީ ކަމެއްނޫނެވެ. ސަބަބަކީ މިއީ ސައިންޓިފިކަލީ ޕްރޫވެން، ސައިންސްގެ އަލީގައި ޔަގީންކަމެއްކަން ހޯދިފައިވާ ތެދަކަށްވާތީއެވެ.
ޔޫއެސްޑީއޭ ނޭޝަނަލް ނިއުޓްރިއަންޓް ޑޭޓާބޭސްއިން ދައްކާ ގޮތުގައި ކަރަންފުލުގައި ކާބޯހައިޑްރޭޓްސް، ޕްރޮޓީން އަދި ޑައިޓްރީ ފައިބަރު ފަދަ ގިނަ ނިއުޓްރިއަންޓްސް އެކުލެވިގެންވެއެވެ. މި ސައިޒުން ކުޑަކުޑަ ކަރަންފުލަކީ އެންޓިއޮކްސިޑެންޓް ގިނަ، ލޭގައި ހަކުރު ރެގިއުލޭޓް ކުރުމަށް އެހީތެރިވެދޭ، ބެކްޓީރިއާ ނައްތާލާ، އަދި މިނޫންވެސް ގިނަ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. ކަރަންފުލަކީ ކަރަންފޫގަހުގެ މަލެވެ. ސައިންޓިފިކް ނަމުން ނަމަ ކަރަންފުލަކީ "ސިޒީޖިއަމް އެރޯމެޓިކަމް"ގ ގެ ނަމުން ވެސް މަޝްހޫރު "އެވަގްރިން" އެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ލޮނުމެދުގައި އެކުލެވޭ ކޮމްޕައުންޑްތަކުގެ ސަބަބުން ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް އޭގައިވެއެވެ. އޭގެ ތެރޭގައި ފުރަމޭގެ ސިއްހަތަށް އެހީތެރިވުމާއި ލޭގައި ހަކުރު ހުންނަ މިންވަރު ހަމައަކަށް އެޅުމަށް އެހީތެރިވެދިނުން ހިމެނެއެވެ. އަދި މި ދެކަމުގެ ސަބަބުން ފުރަމޭގައި ސަރުބީ ޖެހުމުން ދުރުކޮށް، ހަށިގަނޑުގައި ބޭކާރު "ފެޓްސް" އާއި ކާބޯހައިޑްރޭޓްސް ސްޓޯ ކުރުމުން ދުރުކޮށްލައެވެ.

ފޮޓޯ: ޝަޓަސްޓޮކް
ތިރީގައި މި ހިމަނާލަނީ ބަރުދަން ލުއިކުރުމަށް ގޭގައި، ހަމަޖެހިލައިގެން ތައްޔާރުކޮށްލެވޭނެ ކަރަންފުލު ބުއިމެކެވެ. މިބުއިމުން ބަރުދަން ލުއި ކުރުމަށް ސައްތައިން ސައްތަ މިންވަރަށް އެހީތެރިވެދޭނެއެވެ. އަދި ގަވާއިދުން ކަސްރަތު ކުރަން ދިއުން ދަތި ފަރާތްތަކަށް، ކެއުން ވަކި މިންގަނޑެއްގައި ބަހައްޓައިގެން، މި ކަރަންފުލު ބުއިން ބޭނުން ކުރުމުން "ހައިރާން ކުރުވަނިވި" އެހާމެ "އުފާވެރި" ނަތީޖާ އެއް ފެނިގެންދާނެއެވެ.
އަޖުމަ ބަލާލުމަށް، އަވަހަށް މިތަކެތި ހޯދައި މިގޮތަށް ބުއިން ތައްޔާރުކޮށްލަމާ ބަހީ އެވެ.
ލުނބޯ ފަޅިއެއް (ލުނބޯ: ސިޓްރިކް އެސިޑާއި ވިޓަމިން ސީ އެކުލެވިގެންވާ މާއްދާއެއް ކަމުން ހަޖަމުވުމާއި ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދެއެވެ. ހާއްސަކޮށް ލުނބޯ ތޮށްޓާއި ލުނބޯހުތުގަައި ހިމެނޭ ޕެކްޓިން އަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ފައިބަރުގެ ވަރަށް ރަނގަޅު ވަސީލަތެކެވެ.)
ލުނބޯ ފަޅި ކުދިކުދި ކޮށް ކޮށާލާށެވެ.
މޭޒުމަތީ ބޮޑު ސަމުސަލެއްގެ ކަރަންފޫ ތެއްޔަކަށް އަޅާށެވެ. ލުނބޯކޮޅުތައް އަޅާށެވެ. 3 ޖޯޑުގެ ފެން (މިވަރުގެ ލުނބޮއާއި ކަރަންފުލަށް ބޭނުންވާނީ 3 ތަށީގެ ފެނެވެ. އެއް ލުނބޯ، 2 ސައިސަމުސާ ކަރަންފުލަށް 6 ޖޯޑުގެ ފެނެވެ.)
ފަނަރަ، ވިއްސަކަށް މިނެޓްވަންދެން އުނދުން މަތީ ބަހައްޓައިގެން ރަނގަޅަށް ކައްކާލާށެވެ. ލުނބޯ، ކަރަންފުލުން ރަހަ ނިކުންނަ ވަރަށް ކައްކާށެވެ.
މިންޓް ލީވްސް ކޮޅެއް ބޭނުންވާނެއެވެ. ތާޒާ ނުވަތަ ހިއްކާފައިވާ މިންޓްލީވްސް ވެސް ރަނގަޅުވާނެއެވެ.
ތެއްޔަށް މިންޓްލީވްސް ތައް އަޅައި މަތި ބަންދުކޮށްފައި ބަހައްޓާށެވެ. ފަތްތަކުން ރަހަ ނިކުންނަން ދެން، ގާތްގަނޑަކަށް ފަނަރަ ވަރަކަށް މިނެޓް އިރު، ނުވަތަ ވިއްސަކަށް މިނެޓް ރަނގަޅުވާނެއެވެ.
ދެން ފުރޭންޏަކުން ފުރާނައި ފެންފޮދު، ބިއްލޫރި ފުޅިއަކަށް އަަޅާލާށެވެ. އައިސްއަލަމާރީގައި ރައްކާކޮށްލާށެވެ. 7 ދުވަސް ވަންދެން މި ފުޅީގައި ހުރި ވަރު ބޭނުން ކުރެވޭނެއެވެ.
(އެއްކަލަ ފުޅިންތަށްޓަކަށް އަޅައި ކޮންމެވެސް ގޮތަކަށް ހޫނު ކޮށްގެން، އަޅުގަނޑުމެން ހޫނުކުރަނީ، (ތަށްޓަކަށް އަޅައި) ފެން ތެއްޔެއްގެ ތެރޭ ބަހައްްޓައިގެންނެވެ.)
ކުޑަކޮށް ހޫނުކަން ހުންނަވަރަށް، ކޮންމެ ދުވަހަކު ހެނދުނު ނާސްތާގެ ކުރިން އަދި ރޭގަނޑު ކެއުމުގެ ކުރިން އެއް ތަށި ބޭނުން ކުރާށެވެ. ރަނގަޅު ގޮތަކީ ކެއުމުގެ ބައިގަޑިި، 45 މިނެޓް ކުރިން ބޭނުން ކުރުމެވެ.
މިއީ ހަމަ ޔަގީނުންވެސް ރަނގަޅު ނަތީޖާއެއް ފެންނާނެ ބުއިމެކެވެ.

