ގދ. ތިނަދޫގެ ރަށު ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް ކަނޑައަޅައި އެ ދަރަޖަ އެ ކައުންސިލަށް ދިނުމުގައި ހުރި ހުރަސްތައް ނައްތާލަން ލާމަރުކަޒީ ގާނޫނުގެ 51 ވަނަ މާއްދާ އިސްލާހުކުރުމަށް ލާމަރުކަޒީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ކޮމިޓީން ނިންމާފައިވަނީ އެ މާއްދާ އިސްލާހުކުރުމަށެވެ. އެ މާއްދާގެ ށ، ނ، ރ، ބ، ޅ، އަދި ކ. އިސްލާހުކުރުމަށް ކޮމިޓީން ނިންމާފައިވެ އެވެ. މާއްދާގެ ށ. އިސްލާހުކުރަން ނިންމާފައިވަނީ ސިޓީއަކަށް ބަދަލުކުރިއިރު ދައުރުގައި ބާކީ އެއް އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ ދައުރު ހަމަވުމުގެ ހަ މަސް ކުރިން ސިޓީ ކައުންސިލަކަށް ބަދަލުވާ ގޮތަށެވެ.
ކޮމިޓީން ބުނީ ގާނޫނަށް އިސްލާހު ގެންނަނީ ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގައި މިހާރު އޮތް ގާނޫނުގައި ތަފާތު މާނައެއް ދޭހަވެދާނެ ފަދަ ކަމެއް އޮންނަ ކަމަށް ދެކޭތީ އާއި ކުރިއަށް އޮތް ތަނުގައި ވެސް ދިމާވެދާނެ މިފަދަ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. މި ނިންމުން ފާސްކޮށްފައި ވަނީ ކޮމިޓީގެ އިއްތިފާގުންނެވެ.
ތިނަދޫ ކައުންސިލް ސިޓީއަކަށް ބަދަލުވާނެ ކަމަށް ބަޔާންކުރާ (ނ) އަށް ގެންނަ އިސްލާހުގައި ބުނެފައިވަނީ އެއް އަހަރަށް ވުރެ ދައުރު ދިގު ނަމަ ކައުންސިލްގެ ދަރަޖަ ސިޓީ ކައުންސިލަކަށް ބަދަލުވާނެ ކަމަށާއި އެކަމަކު ދައުރު ދެމި އޮންނާނީ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެން ކަަމަށެވެ. (ރ) ގައި ވަނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރަށް ބަދަލުވާނެ ކަމަށެވެ.
ބާކީ ހުރި އަކުރުތަކުގައި ވަނީ ސިޓީ ކައުންސިލަކަށް ބަދަލުވާ ހާލަތުގައި ބާރުތަކާއި މަސްއޫލިއްޔަތުތައް ލިބޭނެ ކަމާއި ސިޓީ ކައުންސިލަކުން ދޭން ޖެހޭ ހިދުމަތްތައް ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފަ އެވެ.

