ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ ގޮތް ހަދައި، އެ މަރުހަލާ ވެސް އަވަސްކުރަން މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ ކުރިން އޮތް ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން 58 މެމްބަރުންގެ ވޯޓު ބޭނުން ވެއެވެ. އެއީ 87 މެމްބަރުންގެ ޖުމްލަ އަދަދަށް ބަލާ ތިންބައިކޮށްފަ ދެބައިގެ މެމްބަރުންނެވެ.
އެހެންނަމަވެސް އާ ސަރުކާރުގެ އެކި މަގާމްތަކަށް ވަޑައިގަތުމަށް ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާ ވާތީ، ކުރިަޔށް އޮތް މަޖިލިސް އިންތިޚާބަށް 6 މަސް ނެތުމުން އެ ގޮނޑިތަކަށް މެމްބަރުން އިންތިޚާބު ކުރާކަށް ނުޖެހެއެވެ.
އެގޮތުން މި ގެނެވުނު ބަދަލާއެކު ރައީސާއި ނާއިބު ރައީސް ވަކިކުރުމަށް “ހުސް ގޮނޑިތައް” މިހާރު ގުނާކަށް ނުޖެހޭނެއެވެ. މަޖިލީހުގެ ޖުމްލަ އަދަދު ކަނޑައަޅާނެ ގޮތް ބަދަލުކުރުމަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.
ޝިފާއު ހުށަހެޅުއްވި މައްސަލައިގައި ވަނީ 19 ވަނަ މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާއިރު މަޖިލީހުގެ ޖުމްލަ އަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

